އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ބައްދަލުކުރި އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގައި ލަނޑު ޖަހައިގެން ސިޓީން މެޗު ކާމިޔާބު ކޮށްފިއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ޖަހައިދިނީ ބާނާޑޯ ސިލްވާއެވެ. ވޯލްކާ ނިއުކާސަލްގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ބާނާޑޯ ސިލްވާ ވަނީ ރަނގަޅުތަނަށް ޓަޗް ކޮށްލައި އެ ބޯޅަ ގޯލިގެ ތެރެއަށް ވައްދާލާފައެވެ.

Ad
rt

ނަމަވެސް ސިޓީއަށް ފުރަތަމަ ހާފުގައި ލީޑުގައި އޮވެވޭގޮތެއް ނުވިއެވެ. ނިއުކާސަލުން ކުޅުން ރަނގަޅުކޮށް 35 ވަނަ މިނެޓުގައި ވަނީ ލަނޑު ޖަހާފައެވެ. ގުއިމަރޭސް ސިޓީގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ނިއުކާސަލްގެ ފޯވާޑް އިސަކް ވަނީ އެ ބޯޅަ ގޯލުގެ މަތީކަނަށް ފޮނުވާލާފައެވެ. އޭގެ ދެ މިނެޓް ފަހުން ނިއުކާސަލްއަށް ލީޑު ލިބުނީ އެންތޮނީ ގޯޑޮން ކާމިޔާބުކުރި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ ނިއުކާސަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މެޗުގައި ތަފާތު ދެއްކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރެފައި، އަނިޔާއިން ސަލާމަތްވެ ރޭ މެޗުގެ 69 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބެލްޖިއަމްގެ ޕްލޭމޭކަރ ކެވިން ޑިބްރޭނާއެވެ. އޭނާ ވަނީ 74 ވަނަ މިނެޓުގައި ލަނޑުޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ސިޓީ މޮޅުވިލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ އޮސްކާ ބޮބްއެވެ. އޭނާ ވެސް ކުޅެން ނުކުމެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ޑިބްރޭނާގެ މޮޅު ޕާހަކުން ތަނަވަސްވީ ފުރުޞަތެއްގައެވެ.

މި މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 20 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި ލިވަޕޫލް އޮތީ 20 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. މެޗުން ބަލިވި ނިއުކާސަލް މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.