ނ. މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މަނަދޫގައި 40 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާއެވެ.

Ad
rt

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން، އެ ކުންފުންޏަށް މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 40،315،837.96 ރުފިޔާ އަށެވެ. އަދި މި މަސައްކަތް ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ 700 އަކަފޫޓުގެ ހައުސިން ޔުނިޓް ތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި ވެސް ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ސިޓިން ރޫމާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އާއި ސްޓޯ ރޫމް ހުންނާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފަ ވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ހާރޫން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މި މަހުގެ 10 ވަނަ ދުވަހު ވެސް ވަނީ ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކޮށްފައެވެ. އެ ދުވަހު ހަވާލުކުރީ ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމަށެވެ.

ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކަށް 120،405،400.00 ރުފިޔާ ހޭދަވާއިރު، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.