2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިންގަން ޖެހޭ ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކުގެ ބަޖެޓު އަދި ހަމަނުޖެހޭކަމަށާއި، އެކަމަށްޓަކައި ބޭނުންވާ ބަޖެޓު ހޯދުމަށް މަޝްވަރާތައް ކުރެވެމުން އަންނަކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމް އަށް މައުލޫމާތު ދެމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް މިހެން ވިދާޅުވިއިރު، އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ އެހެން ކަންކަމުގެ ބަޖެޓު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އިދާރީ ކަންކަމަށާއި އިންތިޚާބުގެ ކަންކަމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެކުރިން ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށްޓަކައި ބެހެއްޓި ވޯޓު ފޮއްޓަށްވުރެ، އެތައް ފޮއްޓެއް މި އަހަރު އިތުރަށް ބެހެއްޓުމަށްވަނީ ނިންމާފައެވެ. އީސީ އިން ބުނެފައިވާގޮތުގައި 2020 ގެ އިންތިޚާބުގައި، 178 ފޮށި އިތުރުވާނެއެވެ. ސަބަބަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބަދަލުތަކެއް ގެނެސްފައިވުމުގެ ސަބަބުންނެވެ.
އީސީ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބަށް 65 މިލިއަން ނުވަތަ 70 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!