އުތުރުގެ 4 އަތޮޅުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ އެސިސްޓަންޓް އިންޖިނިއަރ ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ޓިވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ރަޝީދު ވިދާޅުވީ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަކީ ކާމިޔާބުކަމާއެކު ހިންގަމުން އަންނަ މަސްރޫޢުއެއްކަމަށާއި އެގޮތުން މިމަޝްރުޢުގެ ދަށުން ހއ، ހދ، ށ، އަދި ނ، އަތޮޅުގައި އަވިން ހަކަރަ އުފައްދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި އިތުރު އަތޮޅުތަކުގެ ބައެއްރަށްރަށުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްފަށާފައިވާއިރު، އިތުރު ބައެއްރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރުމަށްވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.

Ad
rt

އިޢާދަކުރަނިވި ހަކަތަ ރަށްރަށުގައި ބޭނުންކުރަން ފެށުމުން، ކަރަންޓު އުފެއްދުމަށް ތެޔޮ ގަތުމަށް ސަރުކާރުން މިހާރު ހޭދަކުރަންޖެހޭ ފައިސާއިން ވަރަށްބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ އިޢާދަކުރަނިވި ހަކަތައިގެ މަޝްރުޢޫގެ ޢަމަލީ މަސައްކަތް، ނުފެށިހުރި ރަށްރަށުގައި މިމަސައްކަތް، ވަރަށް އަވަހަށް ފަށާނެކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.

"ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ ފަންޑިންގެ ދަތިކަންހުރި ރަށްރަށުގައި. ނަމަވެސް މިހާރުދަނީ ފަންޑިން ހަމަޖެހެމުން. ނުފެށި ހުރި ރަށްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޖުމުލަ ޢާމްދަނީން ބޮލަކަށްޖެހޭ މިންވަރުގެ %10 މިހާރު ހޭދަކުރަނީ ހަކަތަ އުފެއްދުމަށް ތެޔޮ ގަތުމަށެވެ.

ރާއްޖޭގެ ހުރިހައި ރަށަކަށް އަމާޒުކޮށްގެން 2014ވަނަ އަހަރު ފެށި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ދުވާލުގެ ވަގުތުތަކުގައި ބޭނުންކުރާ ހަކަތައިގެ އެންމެމަތީ މިންވަރުގެ %30އަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒުކޮށްގެން ފެށްޓެވި މަސައްކަތެވެ. މި ޢަދަދު %70އަށް އިތުރުކުރުމަށް މިހާރުވަނީ މިސަރުކާރުން ނިންމާފައެވެ.