ޢީދު ލައިގަތުމާއެކު މުޅި މީސްމީޑިޔާގައި އަޑުގަދަވެގެން ދިޔައީ ޢީދަށް މުޅި މާލެ ހުސްވި ވާހަކައެވެ. މާލޭގައި ކިޔަވަން ހުންނަ ރަށު ކުއްޖާއާއި އެކުއްޖާގެ މައިންބަފައިންވެސް އުފަން ރަށަށް ޢީދަށް ދިޔަވާހަކައެވެ. ނުވިތާކަށް މާލެއަށް އުފަން މާލޭ މީހާވެސް ޢީދުގައި ރާއްޖެތެރޭގެ ރަށަކަށް ދިޔަ ވާހަކައެވެ. ނަމަވެސް ޢީދު ނިމުމާއެކު މީސްމީޑިޔާގެ ރާގު މިވަނީ ބަދަލުވެފައެވެ. މިއަދު އިވެނީ ރަށްފުށު މީހުން ރަށްފުށުގެ ދިރިއުޅުން ދޫކޮށް އަނބުރާ މާލެ ދާން ޖެހޭތީ ރޯ އަޑެވެ.
މީސްމީޑިޔާގައި ގިނަ ބަޔަކު ޝުއޫރުތައް ފާޅު ކުރަމުން އަންނައިރު، މިފަހަރުގެ ޢީދު ގިނަ ބަޔަކަށް ވެފައިވަނީ މާލޭގެ ތޮއްޖެހުމުން ސިކުނޑިއަށް ގެނައި ނުތަނަވަސްކަން ފިލުވާލުމަށް ލިބުނު ފުރުސަތަކަށެވެ. ހަމަ ގައިމުވެސް ގިނަ ބަޔެއްގެ ސްޓެޓަސްތައް ކިޔައިދެނީ މިވާހަކައެވެ.
ޢީދު ކުލައާއި ދުއްމާރިތަކާއި ޝޯތަކުން ގިނަ ބަޔަކަށް ހިތް ހަމަޖެހުން ލިބުނުއިރު، މިއަދު ގިނަ ބައެއްގެ ލޯމަތިން ވަނީ މާޔޫސްކަން ފާޅުވާން ފަށާފައެވެ. ޢީދަށް ރަށަށް އައި ރަޙްމަތްތެރިއަކު ފުރުވާލަން އެއަރޕޯޓަށް ދިއުމުން އެތާންގައި ތިބި މީހުންގެ މޫނުމަތިން ހަމަގައިމުވެސް މާޔޫސްކަން ފެނުނެވެ. މިހެންވެ، އެތަނުން ބައެއް މީހުންނާ ސުވާލުކޮށްލީމެވެ.
"އަސްލު ވަރަށް މިސްވާނެ ރަށް މަތިން، ޢީދެއްގަ ނޫނީ ރަށަށް ނާދެވޭ." އެއަރޕޯޓްގައި ހުރި މީހަކު "ތިލަދުން"އަށް ބުންޏެވެ.
ބައެއް މީހުންގެ މޫނުމަތިން އުދާސްކަން ފެންނަނީ އިތުރު ސަބަބަބާ ހުރެއެވެ. އެއީ ހަމަހިމޭން މާހައުލު ދޫކޮށް ކާރޫބާރޫބޮޑު މާލޭގެ ވައިނުސާފު މާހައުލަށް ދާންޖެހުމެވެ. ތޮއްޖެހިފައިވާ މާލޭގެ ކުޑަކުޑަ ކުލީ ގޮޅިތަކަށް ދާންޖެހުމެވެ. ބޮޑު ބްރޭކަކަށްފަހު އަނބުރާ މަސައްކަތަށް ނިކުންނަށް ޖެހުމެވެ.
ކޮންމެ ސަބަބަބާހުރެ ނަމަވެސް މުޅި މީސްމިޑިޔާ މިއަދު އެބަ ރޮއެވެ. ޢީދުގެ އުފާވެރިކަމަށްފަހު ފުން ހިތާމައަކާ ކުރިމަތި ވެއްޖެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!