މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މި ގައުމަށް ގެނެވޭނެ އެންމެ ރަނގަޅު އަދި އެންމެ ފައިދާހުރި ބަދަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ނަސީރު ވަނީ އެ އިސްލާހުތަކަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Ad
rt

ނަސީރު ވިދާޅުވީ ގާނޫނުތައް ހެދިގެންދާއިރު ތަރައްގީވަމުން އަންނަ ޓެކްސްތައް ދެނެގަނެ، އެ ނިޒާމަށް ބައްޓަންކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން މި ބިލުން ގެންނަ ބަދަލުތަކަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖެ ބޭނުންކޮށްގެން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާ އެކީގައި މަސައްކަތް ކުރެވޭނެ ގޮތަށް ގެނެވޭ އިސްލާހީ ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރިން މުދާ ވިއްކާއިރު އަދި ޚިދުމަތް ދޭއިރު ކޮންމެ މުއާމަލާތަކުން ޓެކްސް ނެގުމުގެ ބަދަލުގައި، މުއާމަލާތްކުރާ ކުންފުނިތަކުން ޓެކްސް ނެގިފައި ހުންނާތީ އެ މުއާމަލާތްތަކުގައި ހުންނަ ޓެކްސްތަކަށް މި ގާނޫނުގެ ތެރެއިން ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ޓެކްސް ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް ހުއްޖަތެއް ނެތް ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްސް ނިޒާމަކީ ދުނިޔެއަށް ފާޅުވިތާ 200 އެއްހާ އަހަރު ވެފައިވާ ނިޒާމެއް ކަމަށާއި، ދުނިޔެ ތަރައްގީވަމުން އަންނަ ވަރަކަށް ގާނޫނީ ގޮތުން އަބަދުވެސް ބަދަލުތައް އަންނަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި މީގެ 15 ވަރަކަށް އަހަރު ކުރިން ޓެކްސް ނިޒާމު ތައާރަފުވި ފަހުން ވެސް ގާނޫނީ ގޮތުން ގެންނަންޖެހޭ ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، 2005، 2008، 2013 އަދި 2016 ވަނަ އަހަރާ ހަމައަށް އައިއިރު ޒަމާނީ ވަސީލަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް ދުނިޔެ ވަރަށް ބާރު ދުވެލީގައި ބަދަލުވަމުންދާ ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި ދުނިޔޭގައި ހަނގުރާމަތައް ހިނގަމުންދާއިރު ވެސް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށާއި، އެ ޚިދުމަތްތައް ދެވޭނީ ގެންނަންޖެހޭ އިސްލާހުތައް އަވަހަށް ގެނެސްގެން ކަމަށްވާތީ މަޖިލީހުން އަވަސްއަވަހަށް މަސައްކަތްކޮށް ގިނަ ގާނޫނުތަކެއް ހުށަހަޅަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު ނަސީރު ވިދާޅުވީ، މި ގެނެވޭ އިސްލާހުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާއި ދުނިޔޭގެ މާލީ ނިޒާމު އަދި ޓެކްސް ނިޒާމާ ގުޅިގެން ނަގަންޖެހޭ ލޯނުތައް ނެގުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.