ހދ. ކުޅުދުއްފުށި ސިޓީގެ އިންޖީނުގެ ހިންގުމާ ސްޓެލްކޯ އިން ދެވަނަ ފަހަރަށް ހަވާލުވެ، އެ ރަށުގައި ކަރަންޓު ދިނުމުގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ކުޅުދުއްފުށީގައި ސްޓެލްކޯގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު އިންޖީނުގޭގައި ގައުމީ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަޒްވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އެވެ.

Ad
rt

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒްވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަށް އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އަޒްވަރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ.

Image

ކުޅުދުއްފުށީ އިންޖީނުގެ މީގެ ކުރިން 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ހިންގީ ސްޓެލްކޯ އިންނެވެ. އޭގެ ފަހުން 2012 ވަނަ އަހަރާ ހަމައަށް އެ އިންޖީނުގެ ހިންގީ ނޮދަން ޔުޓިލިޓީސް ކުންފުނިންނެވެ. އަދި ރީޖަނަލް ޔުޓިލިޓީ ކުންފުނިތައް އެއްކޮށްލައި ފެނަކަ ކޯޕަރޭޝަން އުފެއްދި ފަހުން މިއަދާ ހަމައަށް އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދިޔައީ ފެނަކައިންނެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ އިންޖީނުގޭގެ ހިދުމަތް އެ ކުންފުނިން މިއަދު ރަސްމީކޮށް ފެށި އިރު، އުތުރުގެ ގިނަ އަތޮޅުތަކުގެ އިންޖީނުގެތަކާ މިހާރު ވަނީ ހަވާލުވެފައެވެ. އުތުރުގައި އެ ކުންފުނިން މިހާތަނަށް އިންޖީނުގެތަކާ ހަވާލުނުވަނީ ނ. އަތޮޅާއި ރ. އަތޮޅުގައެވެ. އަދި ށ. އަތޮޅުގެ އިންޖީނުގެތަކާ ހަވާލުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

Image

އަހުމަދު ވިދާޅުވީ، ސްޓެލްކޯގެ އަމާޒަކީ ފެނަކައިން ހިންގި ހުރިހާ އިންޖީނުގެތަކާ މި މަސް ނިމުމުގެ ކުރިން އެއްކޮށް ހަވާލުވެ ނިންމުން ކަމަށެވެ.