ހދ. ނައިވާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.
ނައިވާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށް ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ޑިޒައިނަރުންނާއި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން ސްޓޫޑިއޯތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ޕޯޓަލް ލިންކު މެދުވެރިކޮށެވެ.
ރަޖިސްޓްރީވާ ފަރާތްތަކުން ފަރުމާކުރާ ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ނޮވެމްބަރު މަހުގެ 10 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. މިގޮތުން ލޯގޯ ހުށަހަޅަންވާނީވެސް ކައުންސިލުން އާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް ކަމަށާއި، ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެންމެ ލޯގޯއެއް ކަމަށް ކައުންސިލުން ބުނެއެވެ.
ނައިވާދޫ ކައުންސިލުން އިތުރަށް ބުނީ، ލޯގޯ ފަރުމާކުރުމަށް ދެވޭ މުހިންމު އިރުޝާދުތައް އެ ކައުންސިލްގެ އިއުލާނާއެކު މިހާރު ގެޒެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެހެންކަމުން ލޯގޯ ފަރުމާކުރުމުގައި އެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!