ތައިލެންޑަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ޙާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެޤައުމުގެ ބޮޑުވަޒީރު ހިޒްއެކްސަލަންސީ އަނުތިން ޗާންވިރަކުލްއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ތައިލެންޑުގެ މެދުތެރެއަށް ކުރަމުންދާ ބޯވިއްސާރައިގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

Ad
rt

ރައީސްގެ މެސެޖުގައި، ތައިލެންޑުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރުގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައިލެންޑުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ކަރަންޓުގައި ޖެހުމާއި ގެނބުމުގެ ޙާދިސާތަކުގައި، ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައިވެއެވެ.

މީގެއިތުރުން، މި ޙާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މިކާރިސާއިން އަރައިގަތުމަށްޓަކައި، މިހާރު ކުރިއަށްދާ މަސައްކަތްތައް އެއްވެސް ހުރަހެއްނެތި ކުރިއަށްގޮސް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތައިލެންޑުގެ މެދުތެރޭ ސަރަޙައްދުތަކަށް ބާރުގަދަ ކާރިސީ ލޯ-ޕްރެޝަރ ސިސްޓަމެއްގެ ސަބަބުން ބޯކޮށް ވާރޭވެހި، އުފެދުނު ފެންބޮޑުވުމުގެ އަސަރު 27 ޕްރޮވިންސަކުން 1.7 މިލިއަނަށްވުރެ ގިނަ މީހުންނަށާއި 500،000 އަށްވުރެ ގިނަ އާއިލާއަށް ވަނީ ކޮށްފައެވެ. ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ކުރަމުންދާ މި ވިއްސާރައިގައި މަދުވެގެން 8 މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި އިރުމަތީ ޕްރޮވިންސްތައް ކަމަށްވާ ސާ ކައޯއިން 5 މީހުންނާއި، ޗަންތަބުރީން 2 މީހުން އަދި ސަރަބުރީން މަރުވި މީހަކު ހިމެނެއެވެ. ނަމަވެސް، ވެރިރަށް ބެންކޮކުން މިހާތަނަށް އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ވިއްސާރައިގައި ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ހުއްޓުމެއްނެތި 48 ގަޑިއިރު ވަންދެން ވާރޭވެހި، މައި ފެންހިއްކާ ނިޒާމުތަކާއި ކެނަލްތަކަށް ނުކުޅެދުމުގެ ސަބަބުން މުޅި ބެންކޮކަކީ ކާރިސީ ސަރަޙައްދެއްގެ ގޮތުގައި ވަނީ އިޢުލާނުކޮށްފައެވެ. ބެންކޮކުގެ މައި މަގުތަކާއި ތިރި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް އާއިލާއަކަށް ވަނީ ސީދާ އަސަރުކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބެންކޮކުގެ ތަޢުލީމީ އިދާރާތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕެޗްބުރީ މަގު ހިމެނޭހެން މައި މަގުތަކާއި ސަރަޙައްދީ ބަސް ދަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ބެންކޮކުގެ ގަވަރނަރު ޗަޑްޗާޓް ސިއްތިޕަންޓް އަދި ސިޓީގެ ކަމާބެހޭ އިދާރާތަކުން ވަނީ ސޭން ސޭޕް އަދި ޕްރާވެޓް ބުރިރޮމް ކެނަލް ފަދަ މައި ފެންހިންދާ މަގުތަކުން ފެންހިންދުމަށް ބޮޑެތި ޕަންޕުތައް ބޭނުންކުރަން ފަށާފައެވެ. ބެންކޮކުގައި ފެންބޮޑުވެފައިވާ މިންވަރު ހަމައަކަށް އެޅެމުންދިޔަ ނަމަވެސް، އިރުމަތީގެ ލެޓް ކްރަބަންގް ފަދަ ބޮޑަށް ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންހިއްކުމަށް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން ފެންބޮޑުވުމުގެ ސަބަބުން ނުރައްކާތެރި ހާލަތްތައް ކުރިމަތިވެ، މޫސުމީ ނުރައްކަލުގެ ތެރެއިން ހަރުފައާއި 2 މީޓަރުގެ ކިނބޫ ފަދަ ތަކެތި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ވަނީ ފެނިފައެވެ.

ތައިލެންޑުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ މެދުތެރެއާއި އިރުމަތި އަދި އުތުރުހުޅަނގު ސަރަޙައްދުތަކުގެ ތިރި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން، ކުރިއަށްއޮތް ތަނުގައިވެސް ގުޅިގެން އަންނަ ގުރުދާރީ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.