އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް ކާމާންޑަރެއް ކަމަށްވާ ހަސަން ސަލާމާ ހުންނަ ގޮޅިއަށް ވަދެ، އޭނާ މަރާލާނެ ކަމަށް ބުނެ އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތާމާރް ބެން-ގްވީރު އިންޒާރު ދީފިއެވެ.

މި ހާދިސާ ފެންނަ ވީޑިއޯއެއް ބެން-ގްވީރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

Ad
rt

މޫނުމައްޗާއި ހަތިޔާރު އަޅައިގެން ތިބި ސެކިއުރިޓީ ގާޑުންނާއެކު ޖަލު ގޮޅިއަށް ވަދެ ބެން-ގްވީރު، ސަލާމާއާ ކުރިމަތިލައި ބުނެފައިވަނީ އޭނާ ސަލާމާ މަރާލަން ބޭނުންވާ ކަމަށާއި، އޭނާގެ މަރުގެ އަދަބު ތަންފީޒުކުރަން ބޭނުންވާ ކަމަށެވެ. މީގެއިތުރުން، 1996 ވަނަ އަހަރު ގުދުސްގައި ދިން ބޮމުގެ ހަމަލާތަކަށްފަހު، ފުރާވަރުގެ ކުއްޖެއްގެ ގޮތުގައި ހުރެ ސަލާމާއާ ދެކޮޅަށް އިހުތިޖާޖުކުރި ހަނދާންތައްވެސް ބެން-ގްވީރު ވަނީ އާކޮށްފައެވެ.

ހަސަން ސަލާމާއަކީ 1996 ވަނަ އަހަރު ގުދުސްގެ ނަންބަރު 18 ބަސް ލައިނަށް އަމާޒުކޮށް ދިން އަމިއްލައަށް މަރުވުމުގެ ހަމަލާތައް ރޭވުމާއި ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތުއަޅުވައި، އުމުރު ދުވަހުގެ 48 ޖަލަށްލާފައިވާ މީހެކެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.

މިއީ ފަލަސްތީނުގެ ސެކިއުރިޓީ ގައިދީންނާމެދު ޖަލުތަކުގައި ކަންތައްކުރާ އުސޫލުތައް އިތުރަށް ވަރުގަދަކޮށް، އިސްރާއީލުން ކުށް ސާބިތުވާކަމަށް ނިންމާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނެއް ފާސްކުރުމަށް ކުރާ މަސައްކަތް ދައްކައި ބިރުދެއްކުމުގެ ގޮތުން ބެން-ގްވީރު އާންމުކުރި ވީޑިއޯއެކެވެ. އަދި އޭނާއަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރުކަން ލިބިއްޖެނަމަ، ސަލާމާ ފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގައި، ބެން-ގްވީރުގެ މި އަމަލަކީ ރުޅިއެރުވުމުގެ ގޮތުން ހިންގި ސިޔާސީ އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ގައިދީންނާމެދު އަމަލުކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ.

އޭގެއިތުރުން، މިފަދަ އިންޒާރުތަކުގެ ސަބަބުން ފަލަސްތީނުގެ ބަންދީންގެ އަޒުމާއި ސާބިތުކަން ގުޑުވާލެވޭނެ ކަމަށް އިސްރާއީލުން ހީކުރުމަކީ ކުށްހީއެއް ކަމަށާއި، ގައިދީންގެ އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.