ގއ. ކޮނޑޭގައި ގާއިމްކޮށްފައިވާ ޕާކްތަކާއި މައިޒާންތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން، އެ ރަށުގެ އިޖުތިމާއީ ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ކޮނޑޭ ކައުންސިލުން ކަނޑައަޅައިފިއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ރަށުގެ އިޖުތިމާއީ ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 5 ވަނަ ދައުރުގެ 17 ވަނަ ބައްދަލުވުމުން ކަމަށެވެ.
ކައުންސިލުން އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި، ބަނދަރު ހިޔާ އިންފާރުގެ އެތެރޭގެ ސަރަހައްދާއި، ވެވު ސަރަހައްދު ހިމެނެއެވެ.
އޭގެ އިތުރުން މަލަރީތިވިއު ސަރަހައްދާއި، ދިގުމަގު އުތުރު ކޮޅު ޓޫރިސްޓު ބީޗް ސަރަހައްދުގެ އިތުރުން ލައިމްބީޗް އަދި މާގަސް އިންދާފައިވާ ސަރަހައްދަކީވެސް އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ.
ކޮނޑޭ ކައުންސިލުން ބުނި ގޮތުގައި، މި ފިޔަވަޅަކީ ރަށުގައި ގާއިމްކޮށްފައިވާ ޕާކްތަކާއި މައިޒާންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، އިޖުތިމާއީ ސަރަހައްދުތަކުގެ ރައްކާތެރިކަމާއި ރީތިކަން ދެމެހެއްޓުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅެކެވެ.
އެހެންކަމުން ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ރައްކާތެރިކޮށް، އެ ތަންތަނުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި އެންމެހައި ފަރާތްތަކުންވެސް ކައުންސިލްގެ މި ނިންމެވުމަށް އިޙްތިރާމްކުރުމަށް ވަނީ އެދިފައެވެ. އަދި ކަނޑައެޅިފައިވާ އެ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ނުދުއްވުމަށް ކައުންސިލުން ވަނީ އަންގައި އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!