ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ވެސް ކޮންގްރެސް ބާއްވާނެ ތަނެއް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ތާވަލުކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ ހޯލްގައި ކޮންގްރެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ކޮންގްރެސްއެއް ބާއްވަން ޖެހޭކަން ފާހަގަކުރައްވަމުން ޝިފާޒް ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަންދޫބުން ކަނޑައެޅުމާއި މުޅި ޑެލިގޭޝަންގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި މި ފަހަރުގެ ކޮންގްރެސްގައި އެންމެ ތަފާތު ކަމަކީ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމެވެ. އެގޮތުން ކައުންސިލްތަކުން އެ ރަށެއްގައި ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅައި، އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައި، ޕާޓީ މެދުވެރުކޮށް އެ މަޝްރޫއުތައް ހިންގޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުގެ ކޮންގްރެސްގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ "ރަށްވެހި އުފެއްދުން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮންގްރެސް ލަސްވުމާ ގުޅިގެން، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އުފައްދައި ފުރިހަމަވާ ޕާޓީގެ ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވެވޭނެ ކަމަށް ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އަދި މި މަހުގެ 30 އިން ފެށިގެން ކޮންގްރެސްގައި ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަނީ، އެ ޕާޓީގެ މިފަހަރުގެ ކޮންގްރެސް ބޭއްވުމަށް ޕާޓީގެ މަންދޫބުންނަށް އެއްކޮށް ވަދެ ޖަލްސާކޮށްލެވޭނެ ވަރުގެ ތަނެއް މި ސަރުކާރުން ނުދިން ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!