ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯސަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ މިހާރުގެ ވެސް އެއް ނައިބު ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރުމަށް ނިންމެވީ ޕާޓީއަށާއި ދިވެހި ގައުމަށް އިތުރަށް ހިދުމަތްކޮށް، މެންބަރުން ބާރުވެރިކުރުވައި، ޕާޓީގެ މުސްތަގުބަލު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ ދަތުރު އިތުރަށް ފަހިކުރުމަށްޓަކައި ކަމަށެވެ. އަދި އޭނާ އަބަދުވެސް ގަބޫލުކުރައްވާ ސިޔާސީ ހަމައަކީ މެންބަރުންގެ އަޑުއަހައި، އިހުތިރާމާއެކު މަސައްކަތް ކުރުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ ޕާޓީގެ ވެރިކަމަކަށްފަހު، ހައްގާއި އިންސާފަށްޓަކައި ފަސް އަހަރު ވަންދެން ޕާޓީގެ މެންބަރުން ކުރި ދަތުރުގައި ވަރުބަލިކަމެއް ނެތި އޭނާ ހުންނެވީ މެންބަރުންނާއެކު މަގުމަތީގައި ކަމަށެވެ. އަދި މިއަދުވެސް އިހުލާސްތެރިކަމާއެކު ހިދުމަތުގައި ދެގޮތެއް ނުވެ ހުންނެވިކަން ފާހަގަކުރައްވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު 2028 ވަނަ އަހަރު ޕާޓީއަށް އަލުން ވެރިކަން ކާމިޔާބުކުރުމަށްޓަކައި މެންބަރުންގެ ފުރިހަމަ ތާއީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޅ. ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 2014 އިން 2023 އަށް ކުރައްވާފައިވާ ޝިޔާމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް ކަމަށް އިތުރު ބޭފުޅުންތަކެއް ވެސް ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ އިތުރުން މުންދުގެ މަންމަ މަޖިލިސް މެންބަރުން ކަމަށްވާ އަސްމާ ރަޝީދު، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގައި ޖުމްލަ ހަތް ނައިބު ރައީސުން ތިއްބަވާއިރު، އެ ޕާޓީ ވެރިކަމުގައި އޮންނަ އިރު އޭގެ ތެރެއިން އެއް މަގާމަކީ ރާއްޖޭގެ ނައިބު ރައީސަށް ހާއްސަކުރާ މަގާމެކެވެ. އެހެންކަމުން އެ މަގާމަށް އޮޓަމެޓިކުން ވަޑައިގަންނަވާނީ މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން 18 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!