ސިޔާސީ ޕާޓީތަކުގެ އަހަރީ މާލީ އޮޑިޓް ރިޕޯޓު ކަނޑައެޅި މުއްދަތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، އިދިކޮޅު އެމްޑީޕީ ހިމެނޭހެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

އީސީން ފިޔަވަޅު އެޅި ޕާޓީތަކުގެ ތެރޭގައި އެމްޑީޕީގެ އިތުރުން ހިމެނެނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. މި އަހަރުގެ މާލީ އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް ދިން މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއިން ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައި ވަނީ 50،000 ރުފިޔާއިންނެވެ.

Ad
rt

ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އެމްޑީޕީން އޮޑިޓް ރިޕޯޓު ހުށަހަޅާފައި ވަނީ މުއްދަތު ހަމަވި ފަހުން، މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އަދާލަތު ޕާޓީއާއި އެމްއެންޕީން މިއަހަރުގެ ރިޕޯޓު އެއްގޮތަކަށްވެސް ހުށަހަޅާފައެއް ނުވެއެވެ.

ކަނޑައެޅި މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަހަޅާފައި ވަނީ ހަތަރު ސިޔާސީ ޕާޓީއަކުންނެވެ. އެއީ ވެރިކަންކުރާ ޕީއެންސީއާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި، އޮޑިޓަރު ޖެނެރަލް ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށް އަހަރީ ހިސާބުތައް އޮޑިޓުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މާލީ އޮޑިޓް ރިޕޯޓު ގާނޫނާ އެއްގޮތަށް ހުށަނާޅައިފިނަމަ 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.