ހދ. ފިނޭ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ފިނޭ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާއާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ތަރައްޤީގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކައުންސިލުން ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ.
މިގޮތުން، 06 ޖުލައި 2026 ގައި ފިނޭ ކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމް އާއި އެ މިނިސްޓްރީގެ އިތުރު އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރަށުގެ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އެކަމަށް ހައްލެއް ހޯދޭނޭ ގޮތްތަކާ ގުޅޭގޮތުންކަމަށް ފިނޭ ކައުންސިލުން ބުންޏެވެ.
ފިނޭ ކައުންސިލުން ބުނީ މި ދަތުރަކީ ރަށުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލުމަށާއި، މިނިސްޓްރީތަކުގެ އިސްވެރިންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ސަރުކާރަށް ހުށަހެޅުމަށް ކުރާ ދަތުރެއް ކަމަށެވެ.
ފިނޭ ބަނދަރުގެ މަސައްކަތަކީ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!