ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިސްރުގެ ކޯޗު ހުސާމް ހަސަން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ މެދު ވަރަށް އަސަރުގަދަ ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންކަމާ މެދު ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫނެވެ.

އޮސްޓްރޭލިއާ އަތުން މިސްރު މޮޅުވި މެޗަށްފަހު ފަލަސްތީނުގެ ދިދަ ހިފައިގެން އުފާފާޅުކުރި ހަސަން، ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަތަރު މިނެޓަށް ވުރެ ގިނަ އިރު ވަންދެން މި މައުޟޫއަށް ވާހަކަ ދެއްކިއެވެ.

Ad
rt

"ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް، އެއީ އަރަތްބެއް، ޔޫރަޕް މީހެއް ނުވަތަ އެމެރިކާ މީހެއް ކަމުގައިވީ ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ނުވާ ނަމަ އެއީ އިންސާނެއް ނޫން،" ހަސަން ބުންޏެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ފެށުނު ހަނގުރާމައިގައި މިހާތަނަށް 73,066 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

މިސްރުގެ ކޯޗު ހުސާމް ހަސަން ދަނޑުމަތީ ފަލަސްތީނުގެ ދިދަ ހިފަހައްޓާލައިގެން، ފޮޓޯ: އަލްޖަޒީރާ

ހަސަން ފާހަގަކުރި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖަނަވާރަކަށް އަނިޔާއެއް ލިބުނު ކަމުގައި ވިޔަސް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އަޑުއުފުލާއިރު، މިސައިލް ހަމަލާތަކުގައި ދުވާލަކު ދެތިން ހާސް މީހުން މަރުވުން މިހާރު ވަނީ އާދައިގެ ކަމަކަށް ވެފައެވެ.

ފީފާއިން ވޯލްޑް ކަޕްގައި ފަލަސްތީނުގެ ދިދަ ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު، ހަސަން ބުނީ އޭނާގެ މެސެޖަކީ އިންސާނިއްޔަތުކަން އިސްކުރުން ކަމަށެވެ.

"އަހަރެންނަކީ އަރަތްބަކަށް ވުމުގެ ކުރިން އިންސާނެއް. ފުޓްބޯޅައިގެ ޒަރީއާއިން އަހަރެން ދޭން ބޭނުންވާ މެސެޖަކީ، ފީފާގެ ޝިއާރުގައިވާ ފަދައިން އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއެކު، އިންސާނުން ދިރިހުރުމުގެ ހައްގަށް އިހުތިރާމް ކުރުން،" އޭނާ އިތުރަށް ބުންޏެވެ.

މިސްރުން މިއަދު އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، މި މެޗުން މޮޅުވެއްޖެ ނަމަ އެ ގައުމު ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ.

ހަސަން ބުނީ އޭނާގެ އުންމީދުތަކުގައި ހުދޫދެއް ނެތް ކަމަށާއި، މިސްރަކީ 7,000 އަހަރަށް ވުރެ ގިނަ ދުވަސްވީ ވަރުގަދަ ހަޟާރަތެއް އޮތް ގައުމެއް ކަމުން، އެއްވެސް ޓީމަކަށް ވުރެ ދަށް ނުވާނެ ކަމަށެވެ.