އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ބޭރުގެ ބޭންކުތަކުގައި ގަނޑުކޮށްފައިވާ އީރާނުގެ ބިލިއަނުން ގުނޭ ފައިސާ ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ނިއު ޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 14 މާއްދާގެ މައްޗަށް އެކުލެވޭ މި ފަހުމުނާމާގެ ދަށުން ބޭރު ގައުމުތަކުގައި ހުރި އީރާނުގެ 25 ބިލިއަން ޑޮލަރު ފިޔަވަހިތަކަކަށް ބަހާލައިގެން ދޫކުރުމަށް ވަނީ އެއްބަސްވެފައެވެ.

Ad
rt

މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުމަށާއި، އީރާނުން ހޯރްމުޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލުމަށް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ތިން މަސް ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުން ވެސް ހިމެނެއެވެ.

އެއްބަސްވުމުގެ ކަންކަން ކުރިއަށްދާއިރު، ޔުރޭނިއަމްއާ މެދު ދެ ގައުމުން ގެންގުޅޭ ވިސްނުން ތަފާތެވެ. ރައީސް ޓްރަމްޕް ވިދާޅުވަނީ އީރާނުން 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާއިން ނައްތާލާނެ ކަމަށެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން މިކަމަށް އިންކާރު ކުރައްވައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ނިއުކްލިއާ މައްސަލައަކީ މިހާރުގެ އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެކަމާ މެދު މަޝްވަރާ ކުރެވޭނީ ހަނގުރާމަ ނިމި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.

މި އެއްބަސްވުމާ ގުޅިގެން އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހާއި ބައިނަލްއަގުވާމީ މައިދާނުގައި ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ 25 ބިލިއަން ޑޮލަރު ދޫކުރުމަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑަށް ފައިސާ ދިނުން ފަދަ ކަމެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

އަނެއްކޮޅުން އިސްރާއީލުން މި އެއްބަސްވުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި މަޝްވަރާތަކުން ބާކީކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދެކޭ ގޮތުގައި މިއީ އީރާނުގެ ނިއުކްލިއާ ގާބިލްކަން ހުއްޓުވުމަށް ލިބޭ ފުރުސަތެއް ގެއްލިގެންދާނެ ކަމެކެވެ.