ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ އެބޯލާ އާއި ހަންޓާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެބަލިތައް ފެތުރޭ ސަރަހައްދުތަކުން އަންނަ ދަތުރުވެރިން ސްކްރީން ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި "ޕްރެސަރ ވިތު ދަ ސްޕޯކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ މި ބަލިމަޑުކަންތަކާ ގުޅިގެން ރާއްޖެ އޮތީ "ހައި އެލާޓް" ގައެވެ.
އެބޯލާ އާއި ހަންޓާ ވައިރަސްއަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާތީ، ރާއްޖެއިން އެކަމަށް ދުރާލައި ތައްޔާރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މެއި މަހުގެ 20 ގެ ނިޔަލަށް ރާއްޖެއިން ހިމަބިހީގެ 7 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރިން ބުނެފައިވާއިރު، މި ކޭސްތަކާ ގުޅިގެން އެހާތަނަށް 74 އަށްވުރެ ގިނަ ކޮންޓެކްޓުން ދެނެގަނެވުނުކަމަށް ވެސް އެޗްޕީއޭއިން އެއިރު ބުންޏެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނެއެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަވެއެވެ.
ދިވެހިރާއްޖެއިން ހަންޓާ ވައިރަސް ފެނިފައިވާކަމުގެ ނުވަތަ އެ ބަލި ޖެހިފައިވާ މީހަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާކަމަށް މެއި 16 ގައި ހެލްތް މިނިސްޓްރީން ވަނީ ބުނެފައެބެ. މި ބައްޔާ ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެގޮތުން، ކަމާބެހޭ އިދާރާތަކުން ދަނީ މިކަމާ ގުޅޭގޮތުން ކުރަންޖެހޭ މޮނިޓަރިންގް އާއި ސަވައިލަންސްގެ މަސައްކަތްތައް މެދުނުކެނޑި ކުރަމުންއަންކަމަށް ވެސް އެ މިނިސްޓްރީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!