ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެކައުންސިލްތަކުގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި މިކަން ހާމަކޮށްފައިވާއިރު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިކަން އެ ދެންނެވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެ ރަށުގެ ކައުންސިލާއި ކައުންސިލްގެ އިދާރާ ވެސް 2026 މޭ 17 އިން ފެށިގެން އުވިގެންދާނެކަމަށް އެ ދެންނެވުމުގައިވެއެވެ.

Ad
rt

ހިރިމަރަދޫ ކައުންސިލް އުވާލުމާއި ގުޅިގެން ހިރިމަރަދޫގައި ތިބި ރައްޔިތުންނަށް ދެން ޚިދުމަތް ފޯރުކޮށްދޭނީ ހަނިމާދޫ ކައުންސިލް އިދާރާއިންނެވެ.

މީގެ އިތުރުން، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން، ހުރިހާ އަތޮޅު ކައުންސިލްތަކާއި، އިދާރާތައް ވެސް ވަނީ އުވާލައްވާފައެވެ.

އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް

މި ނިންމެވުމާއެކު އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ވެސް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އައްޑޫ މީދޫ އަދި ހުޅުދޫއަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް ވަނީ އުފެއްދެވާފައެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވަނީ އަލުން ތަރުތީބުކުރައްވާފައެވެ.