އެޕަލް ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އަގުހެޔޮ މޮޑެލްއެއްގެ ގޮތުގައި ފާހަގަކުރެވޭ "އައިފޯން 17އީ" 2026 ވަނަ އަހަރުގެ މާރިޗު މަހު ނެރެފައިވާއިރު، މި އައު ފޯނުގެ އެތެރޭގެ މުހިންމު ދެ ބައެއް ކަމަށްވާ "ސީ1އެކްސް" ސެލިއުލާ މޮޑެމް އަދި "އެން1" ވައިރލެސް ޗިޕް ފަރުމާކޮށްފައިވަނީ އިސްރާއީލުގައި ހުންނަ އެޕަލްގެ އިންޖިނިއަރިންގ ޓީމުތަކުން އެޕަލުން ބުނެފިއެވެ.

އެޕަލް އިން ބުނި ގޮތުގައި، މި ދެ ޗިޕަކީ ވެސް އިސްރާއީލުގެ ހެރްޒްލިޔާ އަދި ހައިފާގައި ހުންނަ އެޕަލްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް (އާރު އެމްޑީޑ) މަރުކަޒުތަކުން ތަރައްޤީކޮށްފައިވާ ބައިތަކެކެވެ. މީގެ ތެރެއިން "ސީ1އެކްސް" މޮޑެމަކީ 5ޖީ ގުޅުންތަކަށް ޚާއްޞަ، އަދި "އެން1" ޗިޕަކީ ވައި-ފައި 7 އަދި ބްލޫޓޫތު ޓެކްނޮލޮޖީއަށް ބޭނުންކުރާ ޗިޕެކެވެ. މިއީ ކުއަލްކޮމް ފަދަ ބޭރުގެ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ޓެކްނޮލޮޖީ ބޭނުންކުރުމަށް އެޕަލް އިން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި ފޯނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް ވާހަކަތަކަށް ރައްދުދެމުން އެޕަލް އިން ވަނީ ބައެއް ކަންކަން ސާފުކޮށްދީފައެވެ. އެގޮތުން، އިސްރާއީލުގެ ސަރުކާރާއެކު އެއްވެސް ކަހަލަ ރަސްމީ އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ނުގެންދާ ކަމަށާއި، މިއީ ހަމައެކަނި އެ ކުންފުނީގެ އިންޖިނިއަރިންގ ޓީމުތަކުން ކުރި މަސައްކަތެއްކަން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން، މި ޗިޕްތަކަކީ އިސްރާއީލުގައި ފަރުމާކުރި ބައިތަކެއް ނަމަވެސް، ފޯނުގެ މައި "އޭ19" ޕްރޮސެސަރާއި އެހެނިހެން ހާޑްވެއާ ބައިތައް އަމަލީގޮތުން އުފައްދަނީ ތައިވާނުގެ ޓީ.އެސް.އެމް.ސީ ފެކްޓްރީތަކުގައިކަމަށް އެޕަލް އިން ބުންޏެވެ.

އައިފޯން 17އީ އަކީ އާންމުކޮށް ބޭނުންކުރާ މީހުންނަށް އަމާޒުކޮށްގެން، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ނެރުނު އަގުހެޔޮ މޮޑެލްއެކެވެ.