ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރައްވަން ނިންމަވައި، ނޫސްވެރިކަމުގެ ދިފާޢުގައި މަސައްކަތްކުރަށްވާނެކަމަށް ރޭ ވިދާޅުވެފައިވާތީ، ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީޚުގައި އެންމެ ނުފޫޒުގަދަވި އެއް ނޫސް ކަމަށްވާ "ހަވީރު" ނޫސް ހުއްޓުވާލުމާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ.

ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 31 މާޗު 2016 ގައި، 37 އަހަރުވީ ދުވަހު ނޫސް ހުއްޓާލަން މަޖުބޫރުކޮށް، އެ ނޫހުގެ ނޫސްވެރިން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކުރީ ކާކު ކޯޓުތަކުގެ ތެރެއަށް އަތްބާނައިގެން ނެރުނު ހުކުމަކުންތޯ ސުވާލު އުފައްދަވާފައެވެ. ލަތީފް ފާހަގަކުރެއްވި ގޮތުގައި އެ ދުވަސްވަރު ހަވީރުގައި މަސައްކަތްކުރި ހުރިހައި ނޫސްވެރިންގެ "އަތާއި ސިކުނޑި ބަންދުކޮށް" އެއްވެސް ނޫހެއްގައި މަސައްކަތް ކުރުން އޮތީ މަނާކޮށްފައެވެ.

Ad
rt

ހަވީރު ނޫސް ހުއްޓާލައިފައި ވަނީ ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެހެންވެ ލަތީފް އެ ''ގައުގަނޑު'' އެއްލެވީ ރައީސް ޔާމީނަށް ކަމަށް ބެލެވެއެވެ.

1 ޖެނުއަރީ 1979 ގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ބާނީއެއްގެ ގޮތުގައި ހުންނަވައި ފެއްޓެވި ހަވީރު ނޫސް ހުއްޓާލަން ޖެހުނީ ހިންގާތާ އެތައް އަހަރެއްފަހުން އެ ނޫހުގެ މިލްކުވެރިކަމާ މެދު އުފެއްދި ގާނޫނީ ދަޢުވާއަކާ ގުޅިގެންނެވެ. ހަވީރު އުފެއްދުމުގައި ބައިވެރިވި އިބްރާހީމް ރަޝީދު މޫސާ އާއި މުޙައްމަދު ނައީމް އަދި ފާރޫގު ޙަސަން، ނޫހުގެ ހިއްސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، ސިވިލް ކޯޓުން ނިންމީ އެއީ އެ ތިން ބޭފުޅުންގެ ވެސް ހިއްސާ އޮތް ތަނެއް ކަމަށެވެ.

މި މައްސަލަ ހިނގަމުން ދަނިކޮށް ކޯޓުން ކުރި އަމުރުތަކުގެ ސަބަބުންނާއި ހިންގުމަށް ކުރިމަތިވި ގޮންޖެހުންތަކާ ހުރެ، 2 އެޕްރީލް 2016 ގައި ހަވީރު ނޫސް ޗާޕްކުރުމާއި އޮންލައިން އެޑިޝަންގެ މަސައްކަތް އެއްކޮށް ހުއްޓާލިއެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ މުއްސަނދި އާކައިވް އޮތް ނޫސް ކަމަށްވާއިރު، މި ނިންމުމާއެކު 37 އަހަރުގެ ތާރީޚީ ރެކޯޑުތަކަށް ބޮޑު ހީނަރުކަމެއް އައެވެ.

ހަވީރު ހުއްޓާލުމާ ގުޅިގެން އެތައް ނޫސްވެރިންނެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، ކޯޓު އަމުރެއްގެ ދަށުން އެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން ވެސް ވަކި މުއްދަތަކަށް މަނާކުރެވުނެވެ. މިއީ ރާއްޖޭގެ މީޑިއާގެ ތާރީޚުގައި ނޫސްވެރިންގެ ހައްގުތަކަށް އެންމެ ބޮޑު އަސަރެއް ކުރި އެއް ހާދިސާއެވެ.

ނަމަވެސް، ފަހުން ހަވީރުގެ ގިނަ މުވައްޒަފުންތަކެއް ގުޅިގެން "މިހާރު" ނޫސް އުފައްދައި، ނޫސްވެރިކަމުގެ މަސައްކަތް އަލުން ފެށިއެވެ.