ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަހުދީގެ ޢާއިލާ އަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

Ad
rt

"ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި،" މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވަމުން ރައީސް ވިދާޅުވެފަވެއެވެ.

ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުއްވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މަހުދީ ނިޔާވީ ގެއްލިފައިވާ ޑައިވަރުން ހޯދުމަށް މިއަދު ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މަހުދީ އަކީ ސިފައިންގެ މިފަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހިތްވަރާއެކު މަސައްކަތްކުރާ އެއް އޮފިސަރރެވެ. އަދި އޭނާ އަކީ މޮޅު ބާސްކެޓް ކުޅުންތެރިއެކެވެ.

މަހުދީއަކީ ޤައުމީ ވާޖިބު އަދާކުރުމުގައި ނަމޫނާ ދެއްކެވި ހިތްވަރުގަދަ ސިފައިންގެ ބޭކަލެކެވެ.