ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި ފިޔަވަހީގެ ފުރަތަމަ ދުވަހު އެކަނިވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަންގައި މާލެ ސަރަހައްދުގެ 639 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުންތަކުގެ ތެރެއިން ޖުމްލަ 1344 ބިދޭސީން ޗެކްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 254 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ad
rt

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ އެންމެ މުހިންމު އަމާޒަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް މައުލޫމާތު (ފިންގަރޕްރިންޓާއި ފޮޓޯ) ނުދީ އުޅޭ މީހުން ހޯދުމެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ސައްޙަ އެކްޓިވް ވޯކްޕާމިޓެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ހިމެނެއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ހަވާލުވިއިރު 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައެވެ. އަދި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ގަވާއިދާ ހިލާފަށް އުޅޭ ބާކީ ތިބި މީހުން ހޯދައި، ރާއްޖެއިން ޑިޕޯޓްކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދުތައް:

  • ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު (ފޮޓޯ އަދި 10 އިނގިލީގެ ނިޝާން) ނަގައި ދެނެގަތުން.
  • ސައްޙަ ވިސާއެއް އޮތް ނަމަވެސް، ހުއްދަދެވިފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުން ހޯދައި ޑިޕޯޓްކުރުން.
  • އެއްވެސް ސައްޙަ ވޯކްޕާމިޓެއް ނުވަތަ ވިސާއެއް ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުން.

މި އޮޕަރޭޝަނަކީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު ގައުމީ މަސައްކަތެކެވެ.