އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތައްޔާރުވާން ފަށައިފިއެވެ.

އެގޮތުން، މި އިންތިޚާބުތަކަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ ހަމަޖައްސާފައެވެ. އަދި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

Ad
rt

ޕީއެންސީގެ ޕްރައިމަރީއާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ތަރުޖަމާނު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި މި މުއްދަތުގައި ޕާޓީއަށް އަލަށް ގުޅޭ މީހުންނަށް ވެސް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ނުބަހައްޓަން ނިންމާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

"އެވެސް މި އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށާ އެތެރޭގެ އިދާރީ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް. ބައެއް ފަހަރަށް ޕްރައިމަރީގައި ވޯޓުލާއިރުގައި މާލޭގައި ބަހައްޓާފައި ހުންނައިރު، ދެކޮޅަށް ދަތުރުކޮށް، ވޯޓު އޮޅޭ ކަހަލަ ކަންކަން ވެފައި ހުންނާތީ"

ފަލާޙް ވިދާޅުވިއެވެ.

އެހެންކަމުން، ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް އެކަނި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހުއެވެ. އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖެނުއަރީ 17 ގައެވެ. މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އީސީން ބުނެފައިވާ ގޮތުގައި މި އިންތިޚާބު ބޭއްވުމަށްޓަކައި 70-80 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެއެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. އެގޮތުން، 2,000 އަށް ވުރެ ބޮޑު އާބާދީ ހިމެނޭ ރަށްރަށަށް ފަސް ކައުންސިލަރުން އަދި 2,000 އަށް ވުރެ ކުދި އާބާދީގެ ރަށްރަށަށް ތިން ކައުންސިލަރުން ހޮވާ ގޮތަށް ވަނީ ގާނޫނު އިސްލާހުކޮށްފައެވެ. މީގެ އިތުރުން، ތިން ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުގެ ކައުންސިލުން އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާއިރު، ފަސް ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުން ދެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.