މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރިމަތިލައި ޝަރުތު ހަމަވި ހުރިހާ ދަރިވަރިންނަށް ވެސް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފައެވެ.

Ad
rt

މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ވެސް ލޯނުދިނުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފަވާނެ ކަމަށެވެ.

’’ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ވާނީ ދަންނަވާފައި.’’ ރައީސް ވިދާޅުވެފަވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިން ވަނީ ނިންމަވާފައެވެ. މި ނިންމެވުމާއެކު ސްޓޫޑެންޓް ލޯނަކީ އިންޓްރަސްޓް ފްރީ ލޯނެއްގެ ގޮތުގައި ވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި މި ލޯނަށް އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެއެވެ.