އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް "ސިވިލިއަން ކްރޫ" ގެ ޓީމެއް މިއަދު ރާއްޖެ އައިސްފިއެވެ.
އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލިއަން ކްރޫގެ ޓީމް ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ ޓީމަކީ ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކަޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރާނެ ޓީމް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެ ޓީމު މިރޭގެ ވަގުތެއްގައި އައްޑޫއަށް ގޮސް، ހޭންޑްއޯވަރ/ޓޭކްއޯވަރ ގެ ކަންކަން ފުރިހަމަ ކުރަން ފަށާނެ ކަމަށާއި ކަނޑައެޅިފައިވާ ތާރީހަށް އައްޑުގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖޭން ފައިބާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ތިބި ސިފައިންގެ ތެރެއިން އައްޑޫގައި ތިބި ސިފައިން އަންނަ މާޗް 10 ގެ ނިޔަލަށް ފޭބުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާކީ ތިބި ސިފައިން ވެސް މެއި 10 ގެ ނިޔަލަށް ރާއްޖެ އިން ދިއުމަށް ވަނީ ނިންމައިފައެވެ.
އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި ހިމެނިގެން ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކަޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިއުމަށްޓަކައި، މާދަމާއިން ފެށިގެން އެ ހެލިކަޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށްގެންދާނެ ކަމަށާއި މި ހެލިކަޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކަޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު މިމަހުގެ 28 ވަނަ ދުވަހު އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ 2 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއި 2024 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން މިދަނީ ކުރަމުންނެވެ،" ޑިފެންސް މިނިސްޓްރީގައި ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!