ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން މާތް ﷲ ގަންދީ ހުވާ ކުރައްވައިފިއެވެ.

އެ ކެންޑިޑޭޓުން ހުވާ ކުރެއްވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެށުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "މިސްރާބު ހަމަމަގަށް" ޖަލްސާގައެވެ. އެ ކެންޑިޑޭޓުންނާ ހުވާލައި ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

Ad
rt

މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ ވ. ފެލިދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާ އާއި ފުވައްމުލަކު އުތުރު ދާއިރާއަށާއި ތ. ގުރައިދޫ ދާއިރާއަށެވެ.

އެމްޑީޕީން ހަތަރު ދާއިރާ އަށް ވާދަނުކުރަން ނިންމި ނަމަވެސް އެ ދާއިރާތަކަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމައެވެ.

އެމްޑީޕީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލާ 50 އަށް ވުރެ ގިނަ މީހުންނަށް ޓިކެޓު ދިން އިރު، 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައިވެ އެވެ. ޓިކެޓު ލިބުނު ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުންނާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.