ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓު ހިންގުމަށް ރީޖަނަލް އެއާޕޯޓްސް އާ ހަވާލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރެއް އެ ކުންފުންޏަށް މިހާރު ވަނީ ދީފައެވެ.

Ad
rt

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 230 މިލިއަން ރުފިޔާއަަށެވެ.

މި އެއާޕޯޓް ތަރައްގީކުރަން ފެށި އިރު އެ ތަނުގައި 1200 މީޓަރުގެ ރަންވޭއެއް އަޅަން ނިންމާފައި އޮތް ނަމަވެސް އެ ތަނުގެ ރަންވޭ ބޮޑު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، 1800 މީޓަރުގެ ރަންވޭއަކަށް ވަނީ ބަދަލުކުރައްވައިފައެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނީ އެއާޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތްތަކާއި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗަރުގެ މަސައްކަތްތައް ނިންމައި، މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެއް ކަމަށެވެ. މި އެއާޕޯޓުގައި ޖެޓްތައް ޕާކްކުރެވޭނެ ޕާކިން ސަރަހައްދަކާއި، ޖެޓް ފިއުލް ފާމެއް ތަރައްގީކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ތަންތަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިމޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުންޏެވެ.

މި ޕްރޮޖެކްޓުގައި ޖެޓްތަކުގައި އަންނަ ކުރޫން މަޑުކުރެވޭނެ ހޮޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނި ގޮތުގައި މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ދާނަމަ ޖެނުއަރީ މަހުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޓް ކުރަން ފެށޭނެއެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މ. މުލީގައި ތަރައްގީކުރާ އެއާޕޯޓު ވެސް ނިންމައި ހިދުމަތް ފެށޭނެ ކަމަށެވެ.