ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ޙަވާލު ކުރެވިފައެވެ. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 570 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަ ގާއިމް ކުރުމާއި، 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖެހުން ހިމެނެއެވެ.

މީގެ އިތުރުން، އޮޑިހެލާ ސަރަހައްދުގައި އެއްގަމު ތޮއްޓެއް ލުމާއި، 14 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 46.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ 400 ދުވަހެވެ.