ފ. މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަންޑް ވޯލްޖެހުމުގެ މަސައްކަތެވެ.

Ad
rt

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ.

މި މަޝްރޫއުގެ ދަށުން މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް 47.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިއީ މަގޫދޫގެ ބިމުގެ ސައިޒަށްވުރެ ދެ ގުނަ ބޮޑު ބިމެކެވެ.

މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 3،339 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 30 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މިއީ 206.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.