ށ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތައް ލާމަރުކަޒީ ގާނޫނަށާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް އަހުލުވެރި ކުރުމަށް އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ.

''މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން'' ނަމުގައި ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ތިން ދުވަހުގެ މުއްދަތަށް ގެންދިޔަ މި ބައްދަލުވުމުގައި އެ އަތޮޅުގެ 14 ރަށުން، ކޮންމެ ރަށެއްގެ އަންހެނުން ކޮމިޓީގެ ރައީސާއި ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލް އަދި ނ. އަތޮޅު ކައުންސިލް ރައީސާއި، އެ ކައުންސިލްގެ އިތުރު ދެ ބޭފުޅުން ހިމެނޭހެން ޖުމްލަ 45 ފަރާތަކުން ބައިވެރިވިއެވެ.

Ad
rt

މި މަސައްކަތު ބައްދަލުވުމުގެ އެންމެ މުހިންމު އަމާޒަކީ އަންހެނުން މަސައްކަތް ކުރާ ކޮމެޓީތަކާއި، ރަށުކައުންސިލުތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ލާމަރުކަޒީ ގާނޫނާއި، އެގާނޫނާއި ގުޅޭ ގަވައިދުތަކަށް އަހުލުވެރު ކުރުވުން ކަމަށް ށ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވާފަ ވެއެވެ.

މިއީ ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަ ކުރައްވަމުން، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ''ތިލަދުން'' އަށް ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން އިވިގެން ދިޔައީ އުފާވެރި ވާހަކަ ތަކެއް ކަމަށެވެ. އަދި މި މަސައްކަތު ބައްދަލުވުމުން އެ ފަރާތްތަކަށް ކުރިމަގުގެ މަސައްކަތްތައް ފަރުމާކޮށް ހިންގަން ބޭނުންތެރި، ގިނަ މައުލޫމާތުތަކެއް އިނގިފައިވާތީ އެއީ މި ކަމުން ހާސިލް ކުރަން ބޭނުންވި މުހިންމު އެއް މަގުސަދުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގެ އެންމެހާ އިންތިޒާމްތަކާއި، ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ އަތޮޅު ކައުންސިލުންނެވެ. އަދި ބައިވެރިންގެ ދަތުރުތައް ހަމަޖައްސާފައިވަނީ ވޭތުވެދިޔަ މަހު އެ ކައުންސިލުން ފާސްކޮށްފައިވާގޮތައް އާރް.ޓީ.އެލް ފެރީ މެދުވެރިކޮށެވެ.

މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވީ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފްގެ އިތުރުން އެއޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝައްމޫންއާދަމް އެވެ.