ޔުއެފާ ނޭޝަންސް ލީގުގައި ރޭ މެޑްރިޑްގައި ކުޅުނު ފޯރިގަދަ މެޗުގައި، ފަހު ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ސްޕެއިންގެ މައްޗަށް 3-2 އިން އިނގިރޭސިވިލާތް ހައިރާންކުރަނިވި މޮޅެއް ހޯދައިފިއެވެ.
މި ނަތީޖާއާ އެކު، ބަލިނުވެ 43 މެޗު ހަމަކޮށްފައިވާ ސްޕެއިންގެ ރެކޯޑު ސިލްސިލާއަށް ނިމުމެއް އައި އިރު، ލަނޑުގެ ތަފާތުން ގުރޫޕް އޭ3 ގެ އެއްވަނަ މަގާމު ކަށަވަރުކުރީ އިނގިރޭސިންނެވެ.
މެޗު ފެށުމުގެ ކުރިން ސްޕެއިންގެ ކުޅުންތެރިން ދުނިޔޭގެ ތަށި ދަނޑުގައި ދައްކާލި ނަމަވެސް، މިއީ 2024 ވަނަ އަހަރުގެ މާޗް މަހު ލަންޑަންގައި ކޮލަމްބިއާ އަތުން 1-0 އިން ބަލިވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. ސްޕެއިން ބަލިނުވެ ދެމެހެއްޓި 43 މެޗުގެ ދިގު ރެކޯޑުގައި އެ ޓީމު ވަނީ ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. އަނެއްކޮޅުން، މިއީ އިނގިރޭސިވިލާތުން ރަށުން ބޭރުގައި ޖެހިޖެހިގެން ހޯދި ރެކޯޑު 10 ވަނަ މޮޅެވެ.
މެޗުގެ ކުރީކޮޅުގައި ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާއެއް ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ދިފާއުކުރި އިރު، ފުރަތަމަ ހާފުގައި އިނގިރޭސިވިލާތުން ވަނީ ވަރުގަދަ ޕްރެސިންއަކާ އެކު ސްޕެއިނަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލުމުގެ ފުރުސަތު ނުދީ ހިފަހައްޓައިފައެވެ. އިނގިރޭސިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ކާމިޔާބުކުރި ލަނޑުންނެވެ. އެލިއޮޓް އެންޑަސަންގެ ޕާހަކުން އޭރިއާ ތެރެއަށް ވަން ކޭންއަށް ޕާއު ކުބާސީ ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ދިން މި ޕެނަލްޓީ ގޯލުގެ ކަނަށް ވައްދާލައިގެން ކޭން ވަނީ ގައުމީ ޓީމަށް ކުޅެދިން 127 ވަނަ މެޗުގައި އޭނާގެ 93 ވަނަ ލަނޑު ހަމަކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން މުޅިން ހުހަށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އެޒްރީ ކޮންސާ ވަނީ އިނގިރޭސިންގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން، އިނގިރޭސިން އުފެއްދި ހަލުވި ކައުންޓާ އެޓޭކެއްގައި ބެލިންހަމް ދިން ޕާހަކުން ބެން ވައިޓް ވަނީ ސިމޯން ކައިރިން ތިރިތިރިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މެޗުގެ އޮއިވަރު ބަދަލުވީ 65 ވަނަ މިނެޓުގައި ޖަރެލް ކުއަންސާ އަތުން އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ގެއްލުމުން، ލަމީން ޔަމާލް ގޯލާ ދިމާލަށް ދުއްވައިގަތް ވަގުތު އަތްއަޅައި ހުއްޓުވުމުން އެންޑަސަންއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ވީއޭއާރުން މި ނިންމުން ދެމެހެއްޓިއިރު، ސްޕެއިނަށް ލިބުނު ޕެނަލްޓީން މިކެލް އޮޔާޒަބާލް ވަނީ ޖޯޑަން ޕިކްފޯޑްގެ ބަދަލުގައި ކުޅެން އެރި ޖޭމްސް ޓްރެފޯޑް ނުބައި ދިމާލަކަށް ފޮނުވާލުމަށްފަހު ލަނޑު ޖަހައި އުންމީދު އާކޮށްދީފައެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި ޔަމާލް ނަގައިދިން ހުރަހަކުން ބަދަލު ކުޅުންތެރިޔާ ނިކޯ ވިލިއަމްސް ޖެހި ލަނޑާ އެކު ފަރަގު ވަރަށް ބޮޑަށް ކުޑަވިއެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ނަތީޖާ ހަމަހަމަކުރުމަށް ސްޕެއިނުން ވަރުގަދަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އިތުރު ވަގުތުގައި ޓްރެފޯޑް ވަނީ ފާމިން ލޮޕޭޒް އަދި އައިމެރިކް ލަޕޯޓް ފޮނުވާލި ދެ ހަމަލާއެއް ހުށިޔާރުކަމާ އެކު މަތަކޮށް، ޓީމު ސަލާމަތްކޮށްދީފައެވެ. މި މޮޅާ އެކު ދެ ޓީމަށް ވެސް 15 ޕޮއިންޓް ލިބުނު އިރު، ފައިދާ ގޯލުން ގްރޫޕުގެ އެއްވަނަ ލިބުނީ އިނގިރޭސިވިލާތަށެވެ. ހުކުރު ދުވަހު ނަގާ ގުރުއަތުން އަންނަ މާޗު މަހު ކުޅޭ ކުއާޓާ ފައިނަލްގައި އިނގިރޭސިވިލާތް ބައްދަލުކުރާނީ ސްޕެއިން ފިޔަވައި އޭ-ގުރޫޕްތަކުގެ ދެވަނަ ހޯދި ޓީމަކާ ކަމަށްވާއިރު، ސްޕެއިން ވާދަކުރާނީ އަނެއް ތިން ގުރޫޕުގެ ތެރެއިން ގުރޫޕެއްގެ އެއްވަނަ ހޯދި ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!