ހއ. އަތޮޅުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އެކްސްޕޯއަކީ އިހަވަންދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ގެ އިތުރުން އިހަވަންދޫ ބިޒިނެސް ސެންޓަރު ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
އިހަވަންދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ހއ. އަތޮޅުގައި ދިރިއުޅޭ މަސައްކަތްތެރި ކަނބަލުންނަށް ކުރިއެރުމާއި ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ. އަދި އެ ކަނބަލުން މިހާރު ކުރަމުން އަންނަ ކުދި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު މާކެޓާއި ފުރުޞަތުތައް ފަހިކޮށްދިނުމާއެކު، އެކިއެކި ދާއިރާތަކުން ފަންނުވެރި ކަނބަލުން ކުރަމުން އަންނަ މަސައްކަތްތައް އާންމު ރައްޔިތުންނަށް ދައްކާލުމަކީ ވެސް މި އެކްސްޕޯ ބޭއްވުމުގެ މުހިންމު ބޭނުމެކެވެ.
މީގެއިތުރުން، މަސައްކަތުގެ ދާއިރާއަށް އަރަމުން އަންނަ ކަނބަލުންނަށް ހިތްވަރުދީ، ރަށުގައި އެކި ބާވަތްތަކުގެ ތައްޔާރީ ކާނާއާއި ތަކެތި އުފައްދާ ކަނބަލުންގެ ހުނަރުތައް އިތުރަށް ޕްރޮމޯޓްކޮށް ފުޅާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް މި އެކްސްޕޯގެ މައިގަނޑު އެއް އަމާޒު ކަމުގައި ކައުންސިލުން މަޢުލޫމާތުދެއެވެ.
މި އެކްސްޕޯގައި މައިގަނޑު ހަ ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެހުމުގެ ދާއިރާ، ކޭކް ޑެކަރޭޝަން އާއި ޕޭސްޓްރީ، މޭކަޕް އާޓް، ފޮޓޮގްރަފީ އަދި އާޓް އެންޑް ކްރާފްޓްގެ ދާއިރާއެވެ.
މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މަސައްކަތްތައް އަގުވަޒަންކޮށް، އިތުރަށް ހިތްވަރުދިނުމުގެ ގޮތުން އެންމެ މޮޅު ފަސް ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެކްސްޕޯ ބާއްވާނެ ސީދާ ތާރީޚާއި، ހަރަކާތް ކުރިއަށް ގެންދާނެ އުޞޫލުތައް ހިއްސާކުރާނީ ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
އިހަވަންދޫގެ އިތުރުން ހއ. އަތޮޅުގެ އެހެން ރަށްރަށުގައި ދިރިއުޅޭ ކަނބަލުންނަށް ވެސް ފުރުޞަތު އޮތް މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ އެކަމާ ގުޅިގެން ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައިވާ ގޫގަލް ފޯމު މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!