ށ. ބިލެތްފަހީގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ރަށުގައި ކުށް މަދުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ރަށު ޕޮލިސް ޑެސްކުގެ ފަރާތުން ކައުންސިލާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ބިލެތްފަހީ ކައުންސިލުން ބުނީ، ރަށުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ކުށް މަދުކުރުމަށްޓަކައި، ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.
މީގެއިތުރުން، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށާއި، އެ ކަންކަމަށް ހައްލު ހޯދުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ރައްޔިތުން ކުށްތަކުން ރައްކާތެރިކުރުމަށާއި، ކުށްތަކާމެދު އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ފުލުހުން ގުޅިގެން އެ ރަށުގައި ވަނީ ސައިބަރ އެވެއާނަސް ޕްރޮގުރާމެއް ވެސް މިއަހަރުގެ ތެރޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ފުލުހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ، އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!