ނައިޖީރިއާގެ ލާގޯސްގެ މައި އެއާޕޯޓުން ގާތްގަނޑަކަށް 34 ކިލޯ (33.95 ކިލޯ) ގެ ކެނަބިސްއާ އެކު އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ޖޯޖިއާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ގްރީން ޑަމޮންޓޭ ހިރީ އެވެ.
ނައިޖީރިއާގެ ނޭޝަނަލް ޑްރަގް ލޯ އެންފޯސްމަންޓް އެޖެންސީ (އެންޑީއެލްއީއޭ) އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ ހައްޔަރުކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) މަގުން ތައިލެންޑުން އެ ގައުމަށް ދަތުރުކުރުމަށް ފަހު ވޭތުވެދިޔަ ބުދަ ދުވަހު ކަމަށެވެ. އެ އިދާރާއިން ބުނި ގޮތުގައި، އޭނާގެ ނަމުގައި ޗެކިން ކޮށްފައިވާ ދެ ދަބަސް އެއާޕޯޓަށް ދޫކޮށްލުމަށް ފަހު އަތްދަބަސް އެކަނި ހިފައިގެން އެއާޕޯޓުން ނުކުންނަން އުޅެނިކޮށް އޮފިޝަލުންނަށް ފާހަގަކުރެވިގެން އޭނާ ވަނީ ހުއްޓުވައިފަ އެވެ.
އެ ދެ ދަބަސް ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން ބާރުގަދަ ވައްތަރެއްގެ ކެނަބިސް ކަމަށްވާ "ލައުޑް" ގެ 32 ޕެކެޓު ވަނީ ފެނިފަ އެވެ. އަދި އެ ދަބަސްތަކުގެ ތެރޭގައި ޓްރެކިން ޑިވައިސްއެއް ވެސް އޮތް ކަމަށް އެންޑީއެލްއީއޭ އިން ބުންޏެވެ. މީގެ އިތުރުން އޭނާގެ ފޯނު ބެލުމުން މަސްތުވާތަކެތީގެ ވިޔަފާރީގެ ހަރަކާތްތަކާ ގުޅުން ހުރި މައުލޫމާތުތަކާއި އޭނާ އެކަމުގައި ބައިވެރިވެފައިވާކަން އެނގޭ ހެކި ލިބިފައިވާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރި އެވެ.
އެންޑީއެލްއީއޭ އިން ބުނި ގޮތުގައި، ހައްޔަރުކުރި ކުޅުންތެރިޔާ ވަނީ އޭނާއަކީ ތައިލެންޑުގައި ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅެމުން އަންނަ މީހެއް ކަމަށާއި ނައިޖީރިއާއަށް ދިޔައީ ކެރިއަރުގެ ގުޅުންތައް ބަދަހިކުރުމަށް ކަމަށް ބުނެފަ އެވެ. ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން އޭނާ އާންމުކޮށް އަދި އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ ފެޑެރޭޝަން (ފީބާ) ގެ ލިސްޓުގައި ޑަމޮންޓޭ ގްރީން ހިމެނޭއިރު، އޭނާ އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ތައިލެންޑުގައި ބޭއްވި ފުކެޓް އެލީޓް ކަޕްގަ އެވެ.
މީގެ ކުރިން އޭނާ ވަނީ އެމެރިކާގެ ރައިންހާޑް ޔުނިވާސިޓީގެ ޓީމަށް 2017 އާއި 2018 ވަނަ އަހަރުގެ ސީޒަނުގައި ކުޅެފަ އެވެ. އަދި އޭގެ ފަހުން ސައުތު ޖޯޖިއާ ޓެކްނިކަލް ކޮލެޖަށް ވެސް ކުޅުނެވެ. ތައިލެންޑަށް ބަދަލުވުމުގެ ކުރިން، 2023-2024 ވަނަ އަހަރުގެ ސީޒަނުގައި ސެމީ-ޕްރޮފެޝަނަލް ޓީމެއް ކަމަށްވާ ޖޯޖިއާ ބޮމްބާސް ޓީމުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
އދ. އިން ބުނާ ގޮތުގައި، އެހެން ގައުމުތަކަށް މަސްތުވާތަކެތި ފޮނުވާ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި މީގެ ކުރިން ބެލެވުނު ނައިޖީރިއާއަކީ މިހާރު މަސްތުވާތަކެތި އުފައްދައި، ބޭނުންކޮށް އަދި އެ ތަކެތި އެކި ގައުމުތަކަށް ބަހާ މައި މަރުކަޒަކަށް ވަނީ ބަދަލުވެފަ އެވެ. ފަހަކަށް އައިސް އެންޑީއެލްއީއޭ އިން ހިންގި އޮޕަރޭޝަންތަކުގައި ބޮޑެތި މިންވަރަކަށް މެތަމްފެޓަމިން (މެތު) އުފައްދާ ލެބޯޓްރީތައް ވަނީ އަތުލައިގެންފަ އެވެ. މިކަމުގެ ސަބަބުން، ނައިޖީރިއާގެ ޑްރަގް އުފައްދާ ފަރާތްތަކާއި މެކްސިކޯގެ ކާޓެލްތަކާ ދެމެދު އޮތް ގުޅުންތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް މެތު އުފައްދާ ލެބެއް ރޫޅާލައި، ލާގޯސް މަގުން ފިލަން އުޅުނު މެކްސިކޯގެ ޑްރަގް ވިޔަފާރިވެރިއަކު އެ އެޖެންސީން ހައްޔަރުކުރި އެވެ. ސިކުނޑިއަށް ގެއްލުންވެ މޮޔަވުމާއި ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމަށް މަގުފަހިކުރާ މެތަމްފެޓަމިންގެ އިތުރުން، އިނގިރޭސިވިލާތަށް ފޮނުވަން އުޅުނު ގާތްގަނޑަކަށް 28 މިލިއަން ޑޮލަރު (21 މިލިއަން ޕައުންޑް) ގެ ކޮކެއިން އަތުލައިގަތް މައްސަލައެއްގައި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު ވެސް ވޭތުވެދިޔަ އޮގަސްޓް މަހު ނައިޖީރިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!