ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ1 ގައި އާދީއްތަ ދުވަހު ކުޅުނު މެޗުގައި ތުރުކީ އަތުން 2-1 އިން މޮޅުވެ ފްރާންސުން ގްރޫޕުގެ އެއްވަނަ ހޯދިއިރު، ފަހަތުން އަރައި އިޓަލީގެ މައްޗަށް 4-1 އިން ކުރިހޯދައި ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި ނަތީޖާތަކާ އެކު ފްރާންސް ގްރޫޕުގެ އެއްވަނަ ހޯދީ ކުޅުނު މެޗުތަކުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ނިންމި ބެލްޖިއަމަށް 12 ޕޮއިންޓް ލިބުނުއިރު، ތިންވަނަ އަށް ދިޔަ އިޓަލީ އަށް ލިބުނީ 10 ޕޮއިންޓެވެ. ކުޅުނު ހަ މެޗުން ވެސް ބަލިވި ތުރުކީ މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ބޯޑޯގައި ކުޅުނު މެޗުގައި ފްރާންސުން ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، ތުރުކީގެ ގޯލްކީޕަރު ބާކޭ އޯޒާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ހުސްކޮށް އަރައި ފޮނުވާލި ހަމަލާއާއި، 33 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ގާތުން ފޮނުވާލި ބޯޅަ އޯޒާ ވަނީ ދިފާއުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ކޭން އުޒުން ދިން ބޯޅައަކުން ތުރުކީގެ އިސްމާއިލް ޔޫކްސެކް ގޯލަށް ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު މައިކް މައިންޔަން މަތަކުރިއިރު، މެޗުގެ 38 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ފޮނުވާލި ނުރައްކާތެރި ހަމަލާ އޯޒާ ވަނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރުކޮށްލާފައެވެ.
ފްރާންސުން މެޗުގެ ލީޑު ނެގީ ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓުގައެވެ. ރަޔާން ޗާކީ ނެގި ކޯނަރެއް އޭޑްރިއަން ރަބިއޯ ބޮލުން ޖައްސާލި ވަގުތު، އެ ބޯޅަ ގޯލަށް ވަނީ ތުރުކީގެ އެމިރްހާން ޓޮޕްޗޫ ގައިގައި ޖެހިފައި ބައިކޮޅަށެވެ. އޭގެ ހަތަރު މިނެޓު ފަހުން އާރްދާ ގުލާ ތުރުކީއަށް ލަނޑެއް ޖަހައިދިން ނަމަވެސް، ވީއޭއާރުން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ. އަދި 70 ވަނަ މިނެޓުގައި ގުލާ ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތިން ބޭރަށް ދިޔައިރު، ފްރާންސްގެ ދެވަނަ ލަނޑު 80 ވަނަ މިނެޓުގައި ޗާކީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލީ ޖޫނިއާ ކްރޫޕީއެވެ. ތުރުކީގެ ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ގުލާ ނެގި ކޯނަރަކުން ބޮލުން ޖަހައި ކާމިޔާބުކުރީ އަބްދުލްކަރީމް ބަރްދަކްޗީއެވެ.
ބްރަސަލްސްގައި ކުޅުނު މެޗުގައި ބެލްޖިއަމް ފަހަތުން އަރައި މޮޅުވިއިރު، މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖަހައި ކުރިހޯދީ އިޓަލީންނެވެ. މައިކަލް ކަޔޯޑޭ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕިއޯ އެސްޕޮސީޓޯއެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން މެކްސިމް ޑި ކުއިޕާ ވަނީ ބެލްޖިއަމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ބެލްޖިއަމުން މެޗުގެ ލީޑު ނެގީ 22 ވަނަ މިނެޓުގައި ބްރެންޑަން މެޗެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ނޭތަން އެންގޯއީ ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން، ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި ޖެރެމީ ޑޮކޫ ވަނީ އަމިއްލަ ހުނަރުން އިޓަލީގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ބެލްޖިއަމްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފުގައި ވެސް ބެލްޖިއަމުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، 54 ވަނަ މިނެޓުގައި ޗާލްސް ޑި ކެޓެލެއާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އެއަށްފަހު މެޗުގެ 80 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޑިއޭގޯ މޮރޭރާއެވެ. މެޗުގެ އިތުރު ވަގުތުގައި ނިކޮލަސް ރަސްކިން އަތުގައި ބޯޅަ ޖެހުމުން ވީއޭއާރު މެދުވެރިކޮށް އިޓަލީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެސްޕޮސީޓޯ ފޮނުވާލި ޕެނަލްޓީ ބެލްޖިއަމްގެ ކީޕަރު ސެނޭ ލެމެންސް ވަނީ މަތަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!