ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ2 ގައި ވާދަވެރި ނެދަލެންޑްސްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، ޖަރުމަނުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބާލިންގައި ކުޅުނު މި މެޗުގައި ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުނު ޖަރުމަނުން ދެއްކި މޮޅު ކުޅުމާއެކު، މިއީ ވޭތުވެދިޔަ 67 އަހަރުގެ ތެރޭގައި ނެދަލެންޑްސް ބަލިވި އެންމެ ބޮޑު ބައްޔެވެ. ޒަވީ ހެނާންޑޭޒްގެ ނެދަލެންޑްސްގެ ކޮޅަށް ދެވަނަ ހާފުގެ 17 މިނެޓުގެ ތެރޭގައި ޖަރުމަނުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

Ad
rt

މި މެޗަށް ނުކުތްއިރު ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ހޯދުމަށް ޖަރުމަނަށް އޮތީ މޮޅުވުން މަޖުބޫރުވެފައެވެ. އެ ޓީމު ތާވަލުގެ ތިންވަނައިގައި އޮތީ ސެޕްޓެމްބަރު މަހު ޖަރުމަނު އަތުން 1-0 އިން މޮޅުވި ގްރީސްއަށް ވުރެ ފަހަތުގައެވެ. ނަމަވެސް ގްރީސް އިން ސާބިއާ ބަލިކުރުމާ އެކު، ގްރޫޕުގެ ގަދަ ތިން ޓީމަށް ވެސް 11 ޕޮއިންޓް ލިބުނެވެ. އެހެން ނަމަވެސް ހެޑް-ޓޫ-ހެޑް ރެކޯޑުން ކުރި ލިބިގެން ޖަރުމަނު އެއްވަނަ ހޯދިއިރު، ނެދަލެންޑްސް ދެވަނަ ޓީމުގެ ގޮތުގައި ގަދަ އަށަކަށް ދިޔައީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެއީ ހުކުރު ދުވަހު ގްރީސް އަތުން 7-0 އިން އެ ޓީމު މޮޅުވެފައި އޮތުމުންނެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި މާ ބޮޑެތި ހަމަލާތަކެއް ނުފެނުނު ނަމަވެސް، ޖޯޝުއާ ކިމިކް ނަގައިދިން ހިލޭ ޖެހުމަކުން ކައި ހަވާޓްޒް ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގަން ވަނީ މަތަކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ކޯޑީ ގަކްޕޯ ނަގައިދިން ހުރަހަކުން ޑޮންޔެލް މާލެން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޑެރީ ޝާހަންޓް ފޮނުވާލި ބޯޅައެއް ނެދަލެންޑްސްގެ ގޯލުގެ ދަނޑީގައި ޖެހުނު ނަމަވެސް، އޭނާ ވަނީ 44 ވަނަ މިނެޓުގައި ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުން ޖަރުމަނަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާގެ ވާތްފަރާތުން އެތެރެއަށް ވަދެ، ވާބްރުގަންއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެވަނަ ހާފު ފެށިގެން މިނެޓެއްގެ ތެރޭގައި ޝާހަންޓަށް ދެވަނަ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއިރު، 48 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި މަތިންނެވެ. އަދި ޖަރުމަނުގެ ބްރަޔާން ގްރޫޑާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އަނެއްކޮޅުން ގަކްޕޯ ފޮނުވާލި ހަމަލާއެއް ޖަރުމަނުގެ ކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ. ޖަރުމަނުން އެ މީހުންގެ ދެވަނަ ލަނޑު ކާމިޔާބުކުރީ 60 ވަނަ މިނެޓުގައެވެ. ޑީ އޭރިއާގެ ބޭރުން ވައަތު ފައިން ފޮނުވާލި ހިތްގައިމު ހަމަލާއަކުން މި ލަނޑު ޖަހައިދިނީ ފްލޯރިއަން ވާޓްޒްއެވެ.

އޭގެ ފަސް މިނެޓު ފަހުން، ގްރޫޑާ އަރިމަތިން ނަގައިދިން ހިލޭ ޖެހުމަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ނިކޯ ޝްލޮޓަބެކް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، ގްރޫޑާ އޭރިއާގެ ކަނާތްފަރާތުން ހުރަސްކޮށްދިން ބޯޅައެއް ހުރަސްދަނޑީގެ ދަށުގައި ޖައްސާފައި ގޯލަށް ވައްދައިގެން ވާޓްޒް ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ޖަރުމަނުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދެއްކި 22 އަހަރުގެ ގްރޫޑާ ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ޖަރުމަނުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ގައުމީ ޓީމަށް ކުޅުނު ދެވަނަ މެޗުގައި އޭނާ މި ލަނޑު ޖެހީ ޝާހަންޓް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތުމުން ލިބުނު ރީބައުންޑް ބޯޅައިންނެވެ. މި ބޮޑު ނާކާމިޔާބީއާ ގުޅިގެން ނެދަލެންޑްސްގެ ކީޕަރު ވާބްރުގަން އޭރިއާ ބޭރަށް ނުކުމެ ކުޅުންތެރިން އެއްކޮށް ވާހަކަދެއްކި މަންޒަރު ފެނުނެވެ. ގްރޫޕުގެ އެއްވަނަ ހޯދުމާއެކު، އަންނަ މާޗު މަހު ދެ ލެގުގެ އުސޫލުން ކުޅޭ ކުއާޓާ ފައިނަލުގެ ގުރުއަތުލުމުގައި ޖަރުމަނު ހިމެނޭނީ ސީޑް ކުރެވިފައިވާ ޓީމުތަކުގެ ތެރޭގައެވެ. މި ގުރުއަތުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.