ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ގޮތުން ދަތިތައް ހުންނަ ދަރިވަރުންނަށް ގޭގައި ތިބެގެން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުން ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

Ad
rt

ހުށަހެޅިފައިވާ ބިލުގައިވާ ގޮތުން، ދަރިވަރެއްގެ ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތަށް ބަލައި، ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް ގޭގައި ތައުލީމު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ދަށުން ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދެއްކެވި ސަރުކާރު މެންބަރުން ވަނީ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އެ މެންބަރުން ބުނީ މިއީ ދަރިވަރުންގެ ހައްގުތައް ކަށަވަރުކޮށްދީ ހިމާޔަތްކުރުމަށްޓަކައި ނުހަނު ބޭނުންތެރި ބިލެއް ކަމަށެވެ.

މީގެއިތުރުން، މި ބިލާ މެދު އިދިކޮޅު ފަރާތްތަކުން ނުރަނގަޅު ތަސައްވުރެއް އުފައްދަމުންދާކަން ފާހަގަކޮށް، ސަރުކާރު މެންބަރުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި ރައްޔިތުންނާ ސީދާ ގުޅުން ހުރި މިފަދަ މުހިންމު ކަންކަމަށް ބަހުސްކުރާއިރު ހަގީގަތް އޮޅޭގޮތަށް ވާހަކަނުދެއްކުމަށް އެ މެންބަރުން ވަނީ ގޮވާލާފަ އެވެ.

މި ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މަދަރުސީ ތައުލީމުގެ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު ވަރަށް ސާފުކޮށް ތަފްސީލުކޮށްދިނުން ހިމެނެ އެވެ. އަދި މި ގާނޫނު ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް ބިލުގެ މައިގަނޑު މަގުސަދެކެވެ.