ހދ. ކުޅުދުއްފުށީގައި ބޭބެއަށް މަރުގެ އިންޒާރު ދިން މީހަކު ތިން މަހަށް ޖަލަށްލާން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ.

ކުޅުދުއްފުށްޓަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ޖުލައި މަހު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކައިރީގައި ފައިސާ ދޭން އެދުމުން ފައިސާ ނުދިނުމުން އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގަ އެވެ.

Ad
rt

އެ ހާދިސާ ހިނގުމާއެކު ފުލުހުން އެތަނަށް ދިއުމުން, ފުލުހުންގެ ކުރިމަތީގައި ވެސް އޭނާގެ ބޭބެއަށް މަރުގެ އިންޒާރު ދީފައިވެ އެވެ.

އެ މައްސަލާގައި އެރަށު ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އޭނާގެ އަމިއްލަ އިއުތިރާފުން އެ ކުށް ސާބިތުވާތީ ތިން މަހާއި ދެ ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.

އެ މައްސަލާގައި ޖޫރިމަނާ ނުވަތަ ގޭބަންދުގެ އަދަބަށް ބަދަލުކުރަން އެދުނަސް, ކޯޓުން ނިންމީ ޖޫރިމަނާ ދެއްކޭނެ ފަދަ ތަނަވަސްކަމެއް ހުރިކަން އޭނާއަށް ދެއްކިފައި ނެތުމާއި އަދި އެ ކުށުގެ ބާވަތާއި އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު އެހެން އަދަބަކަށް ބަދަލުކުރެވެން ނެތް ކަމަށެވެ.