ހުޅަނގު ޕެސިފިކް ކަނޑުގައި އުފެދިފައިވާ ސުޕަ ޓައިފޫން "ޗަމްޕީ" އަކީ، ވައިގެ ބާރުމިނަށް ބަލާއިރު 2026 ވަނަ އަހަރު ދުނިޔޭގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ރެކޯޑުކުރެވިއްޖެ އެވެ.
"ދަ ވެދަރ ނެޓްވޯކް" އިން ހާމަކޮށްފައިވާ ގޮތުގައި މި ތޫފާނުގެ ވައިގެ ބާރުމިން ގަޑިއަކު 296 ކިލޯމީޓަރު (184 މޭލު) އަށް އަރާފައިވާއިރު، މިއީ ކެޓަގަރީ ފަހެއްގެ ތޫފާނަކާ އެއްވަރުގެ ބާރުމިނެކެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި ދުނިޔެއިން ފެނުނު ކެޓަގަރީ ފަހެއްގެ ހަތްވަނަ ތޫފާނެވެ.
ވައިގެ ބާރުމިނުގެ ގޮތުން މިއަހަރުގެ އެންމެ ބާރުގަދަ ތޫފާނުގެ މަގާމު ޗަމްޕީ ހޯދާފައިވަނީ ހަރިކޭން ޕޯލޯ ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. ޕޯލޯގެ ވައިގެ އެންމެ މަތީ މިން ރެކޯޑުކުރެވިފައިވަނީ ގަޑިއަކު 285 ކިލޯމީޓަރު (177 މޭލު) ގައެވެ. އެހެންކަމުން ޗަމްޕީ މިހާރު ކުރި ހޯދާފައިވަނީ ގަޑިއަކު 11 ކިލޯމީޓަރުގެ ތަފާތަކުންނެވެ. ނަމަވެސް، ވައިގެ ޕްރެޝަރަށް ބަލާއިރު ޕޯލޯގެ އެންމެ ދަށް ސެންޓްރަލް ޕްރެޝަރަކީ 892 މިލިބާރެވެ. ޗަމްޕީގެ ޕްރެޝަރު ހުރީ 895 މިލިބާރުގައެވެ. އެހެންކަމުން ވައިގެ ޕްރެޝަރަށް ބަލާނަމަ އަދިވެސް އެންމެ ބާރުގަދަ ތޫފާނަކީ އިރުމަތީ ޕެސިފިކް ސަރަހައްދުގެ ދެވަނައަށް އެންމެ ބާރުގަދަ ހަރިކޭންގެ ގޮތުގައި ރެކޯޑުކުރެވުނު ޕޯލޯ އެވެ.
ރާޑަރުތަކުން ދައްކާ ގޮތުގައި ބާރަށް ދަތުރުކުރަމުން އަންނަ މި ތޫފާން އެ ސަރަހައްދުގެ ގަޑިން އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ގުއާމް ހުރަސްކޮށްފައެވެ. މި ތޫފާން މިހާ ބޮޑަށް ބާރުގަދަވާން މެދުވެރިވި މައިގަނޑު ސަބަބަކީ އެ ސަރަހައްދުގެ މޫސުމީ ހާލަތްތައް ހުރި ގޮތެވެ. އެގޮތުން ހުޅަނގު ޕެސިފިކްގެ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު އާދަޔާ ހިލާފަށް ހޫނުވެ، ގާތްގަނޑަކަށް 30 ޑިގްރީ ސެލްސިއަސްގައި ހުރުން ހިމެނެއެވެ.
މީގެ އިތުރުން ޖައްވުގައި ތެއްކަން މަތިވެފައި ހުރުމާއި، ވައިރޯޅި މަޑުވުމާއި، ވިންޑް ޝިއާ ދަށްވުން ތޫފާން އިތުރަށް ބާރުގަދަވުމަށް މަގުފަހިވި މުހިންމު ކަންކަމެވެ. އެހެންނަމަވެސް، މި ހާލަތްތައް މާގިނަ ދުވަހަކަށް ދެމިއެއް ނޯންނާނެ އެވެ. ތޫފާން ޗަމްޕީ ހުޅަނގަށް، ޓައިޕޭއާ ދިމާލަށް ދަތުރުކުރުމަށްފަހު، މި ހަފުތާގެ ފަހުކޮޅު ހުޅަނގު އުތުރަށް މިސްރާބު ޖަހާނެ ކަމަށް ލަފާކުރެވެއެވެ.
އެ ދިމާލަށް ދަތުރުކުރުމުން ތޫފާނަށް ކުރިމަތިވާނީ އޭގެ ބާރު ދަމަހައްޓަން އެކަށީގެންނުވާ ފަދަ ނާޒުކު މާހައުލެކެވެ. ނަތީޖާއެއްގެ ގޮތުން ބުރާސްފަތި އަދި ހުކުރު ދުވަހާ ހަމައަށް ދާއިރު ތޫފާނުގެ ބާރު ކެޓަގަރީ 4 ނުވަތަ 3 އަށް ދަށަށް ގޮސް، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކެޓަގަރީ 5 ގެ ދަރަޖައިން ތިރިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ތޫފާނުގެ އަސަރު ކުރަމުން ދަނީ ހަމައެކަނި ޕެސިފިކް ސަރަހައްދަކަށް ނޫނެވެ. ތޫފާން ޗަމްޕީގެ ބޮޑުކަމުން ޖެޓް ސްޓްރީމަށް ބާރުފޯރުވަމުންދާތީ، އޭގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުމީ ވައްޓަފާޅިއަށް އަސަރުކުރަމުންދެއެވެ. ހާއްސަކޮށް ތޫފާން ޓައިވާނާ ދިމާލަށް ހުޅަނގަށް ދަތުރުކުރުމުގެ ސަބަބުން ކެނެޑާގެ މޫސުމަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މިގޮތުން އޮކްޓޯބަރުގެ ފަހުކޮޅާއި ނޮވެމްބަރުގެ ކުރީކޮޅަށް ލަފާކޮށްފައިވާ މޫސުމީ ހާލަތު އިތުރަށް ވަރުގަދަވެގެންދާނެ އެވެ. އަދި އަންނަ ހަފުތާގެ މެދުތެރެއިން ފެށިގެން ފަހުކޮޅާ ހަމައަށް ކެނެޑާގެ އޮންޓާރިއޯ އަދި ކިއުބެކްގެ މޫސުން ބަދަލުވަމުންދާ، ހަލަބޮލި މޫސުމަކަށް ވެގެންދާނެ ކަމަށާއި، މި ހާލަތު އޭގެ އަނެއް ހަފުތާއަށް ވެސް ދެމިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!