ހދ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށާއި އެ ރަށުގެ ކަނޑޫފާ ހިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ކަމާބެހޭ މުއައްސަސާތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ އެ ރަށުގައި ހިންގާ "އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީސީއާރްއެފްއެސް) މަޝްރޫޢުގެ ދަށުންނެވެ.

Ad
rt

ޖީ.ޑަބްލިއު.ޕީ ކޮންސަލްޓަންޓްސް އަދި ވޯޓަރ އެންޑް ސޭންޑް މެނޭޖްމަންޓް (ޑަބްލިއުއެސްއެމް) ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި މަޝްވަރާތަކުގައި، އެ ރަށުގެ އެކި މުއައްސަސާތަކުގެ ފަންނީ މާހިރުންނާއި ރަށުގެ ހާލަތު އެންމެ ރަނގަޅަށް ދަންނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި އެ ބޭފުޅުންގެ އިލްމީ އަދި އަމަލީ ތަޖުރިބާތައް މި ބައްދަލުވުންތަކުގައި ވަނީ ހިއްސާކުރައްވާފައެވެ.

މި މަޝްވަރާތަކުގައި ރަށު ފެންވަރުގައި ޚިދުމަތްދޭ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޔުނިވަރސިޓީ، ސިޓީ ކައުންސިލް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި އެސްޓީއޯ ފަދަ އިދާރާތައް ހިމެނެއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޅުދުއްފުށީގައި މިހާރު ޤާއިމުކޮށްފައިވާ ފެންހިންދާ ނިޒާމުގެ ހާލަތަށާއި، އެ ނިޒާމު ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށެވެ. އަދި ރަށުގެ ފެންހިންދުމުގެ ސްޓްރެޓެޖީ އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ވަނީ ހުށަހަޅާފައެވެ.

banner image

މީގެއިތުރުން، މި މައްސަލައާ ގުޅޭގޮތުން ހަދާފައިވާ ސައިންޓިފިކް ދިރާސާތަކާއި މޮޑެލިންގ ނަތީޖާތަކާ ބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކުން ލިބުނު މައުލޫމާތާއި ޚިޔާލުތަކަކީ، ކުޅުދުއްފުށީގެ ޤުދުރަތީ އަދި އިޖުތިމާޢީ ހާލަތަށް އެންމެ އެކަށޭނަ ގޮތަށް މި މަޝްރޫޢުގެ ފައިނަލް ޑިޒައިން އެކުލަވާލުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ފެންހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކުޅުދުއްފުށީގެ މުހިންމު ތިމާވެށީގެ ވަސީލަތެއް ކަމަށްވާ ކަނޑޫފާ ފަދަ ނިޒާމުތައް ރައްކާތެރިކުރުމެވެ. އަދި ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ފެންބޮޑުވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ރަށުގެ ވިލުންވެރިކަން އިތުރުކުރުމެވެ.