ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު އިންޒާރު ނެރެފައިވަނިކޮށް، ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ވެރިރަށް މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.
މެޓް އޮފީހުން މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭގެ 20:45 އިން ފެށިގެން 22:30 ގެ ނިޔަލަށެވެ.
މޫސުމާ ބެހޭ އިދާރާއިން މިފަދަ އިންޒާރެއް ނެރުނުއިރު ވެސް އެ ސަރަހައްދަށް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ބޮޑަށް ފެންބޮޑުވެފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ އެކި ހާދިސާތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފައެވެ. މީގެ އިތުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯ ވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކުގެ މައްޗަށް އަރަމުންނެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ. "ވީމާ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި މޫސުމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ،" މެޓް އިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ، ވިއްސާރައިގައި ހިނގާފާނެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭތެރޭގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމަށް ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލިބަސްތާ ޖެހުމަށާއި، ކާބޯތަކެއްޗާއި އަގުބޮޑު މުދާތައް ފެނުގެ އަސަރު ނުފޯރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލަފާނެ ކަމުގެ ބިރު އޮތްނަމަ އެކަންކަން ހައްލުކުރުމަށާއި، ބޭރުގައި ހުންނަ ތަކެތި ރައްކާތެރިކޮށް، ބޭނުންނުކުރާ ކަރަންޓު ސާމާނުތައް ނިއްވާލާފައި ބެހެއްޓުމަށް ވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުމަގުން ކުރާ ދަތުރުތައް މަޑުޖައްސާލުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހުސްނުވާނެހެން ދުރާލައި އިންތިޒާމުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މޫސުމީ ދިގު ރާސްތާގެ އަންދާޒާތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އެ މުއްދަތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މަތިވެގެންދާ މިންވަރާއި އެންމެ ދަށްވާނެ މިންވަރު އާންމު ހުންނަ ވަރަށްވުރެ މަތިވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!