އިންޑޮނީޝިއާގެ ޖަންގަލިތަކާއި ޗަކަބިންތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ދުންގަނޑު ފިލުވައިލުމަށް، ޖައްވުގެ ތެރެއަށް 'ޑްރައި އައިސް' އެޅުމުގެ ތަޖުރިބާތަކެއް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.

މި އޮޕަރޭޝަންގައި ބުރާސްފަތި ދުވަހު ވަނީ ދުންގަނޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސައުތު ސުމާތުރާ ޕްރޮވިންސުގެ މަތިން މަތިންދާބޯޓުތައް ބޭނުންކޮށްގެން ސޮލިޑް ކާބަން ޑައިއޮކްސައިޑް ނުވަތަ ޑްރައި އައިސް ޖައްވުގެ ތެރެއަށް ދޫކޮށްފައެވެ.

Ad
rt

ޕަލެމްބަންގް ސިޓީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހިންގި މި ތަޖުރިބާގައި 1.5 ޓަނުގެ ޑްރައި އައިސް ބޭނުންކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އިންޑޮނީޝިއާގެ ކޯޑިނޭޓިން މިނިސްޓަރު ފޯ ޕޮލިޓިކަލް އެންޑް ސެކިއުރިޓީ އެފެއާޒް، ދުދުންގް އަބްދުއްރަހްމާން ވިދާޅުވީ، ވާރޭ ވެއްސުމަށް ވިލާތަކާ ގުޅުވައިގެން ކުރާ މަސައްކަތްތަކާ ހިލާފަށް، ޑްރައި އައިސް ބޭނުންކުރުމުގެ މަގުސަދަކީ ޖައްވުގެ ތިރީ ފަށަލައިގައި ހަރުލާފައިވާ ދުންގަނޑު "ރޫޅާލައި، މައްޗަށް އަރައިގެންދާނެ ގޮތް ހެދުން" ކަމަށެވެ. އަދި މި ތަޖުރިބާ ކާމިޔާބުވެއްޖެނަމަ، ދުންގަނޑުގެ އަސަރު ބޮޑު ސެންޓްރަލް ކަލިމަންތާން ފަދަ އެހެން ސަރަހައްދުތަކުގައި ވެސް މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ވެސް އިންޑޮނީޝިއާގައި އަލިފާނުގެ ހާދިސާތައް އެންމެ ގޯސްވި އަހަރެވެ. މިގޮތުން އާދަޔާ ހިލާފަށް ބާރުގަދަ 'އެލް ނީނިއޯ'ގެ ސަބަބުން ހަނަފަސްކަން އިތުރުވެ، އަލިފާންގަނޑުތައް ނިއްވުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ވައިގެ ނުސާފުކަން ހައްލުކުރުމަށްޓަކައި މޫސުމަށް ބަދަލު ގެނައުމުގެ އެކި އުކުޅުތައް ބޭނުންކުރަމުން އަންނައިރު، އޭގެ ތެރޭގައި ސިލްވަ އައޮޑައިޑް ފަދަ މާއްދާތައް ވިލާތަކުގެ ތެރެއަށް އަޅައިގެން ވާރޭ ވެއްސުމުގެ ގުދުރަތީ ނިޒާމު އަވަސްކޮށްދޭ 'ކްލައުޑް ސީޑިންގ' ހިމެނެއެވެ. ސެންޓްރަލް ކަލިމަންތާނުގައި ވެސް ބުރާސްފަތި އަދި ހުކުރު ދުވަހު ކްލައުޑް ސީޑިންގެ އައު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Indonesia to try dousing skies with dry ice in radical attempt to tackle haze - Yahoo News Australia

އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އެއްގަމުމަގުން އަލިފާން ކޮންޓްރޯލް ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާއިރު، ގިނަ ހެލިކޮޕްޓަރުތަކެއް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ބޯ ދުމުގެ ސަބަބުން ކުރިމަތިވި ފެނުމުގެ ދަތިކަމާ ހެދި، ވައިގެ މަގުން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް ބައެއް ފަހަރު ވަނީ ހުރަސްއެޅިފައެވެ. އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވަނީ އަލިފާންގަނޑުތައް ނިއްވުމަށާއި ވިހަ ދުމުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް އިދާރާތަކަށް އަންގަވައިފައެވެ.

ކަލިމަންތާނާއި ސައުތު ސުމާތުރާގެ ގިނަ ސިޓީތަކެއްގެ ވަނީ ނުރައްކާތެރި ދުމުގެ އަސަރުކޮށްފައެވެ. މި ވިހަ ދުންގަނޑު ވަނީ އަވައްޓެރި ސިންގަޕޫރާއި މެލޭޝިއާއަށް ވެސް ފޯރައިފައެވެ. މީގެ ސަބަބުން ވައިގެ ސާފުމިންވަރު ސިއްހަތަށް ނުރައްކާވާ މިންވަރަށް ދަށަށް ގޮސް، އާންމު ސިއްހަތާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. ދުމުގެ އަސަރު ބޮޑަށް ކޮށްފައިވާ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރާއި ސިންގަޕޫރު ކައިރީގައި އޮންނަ ޖޮހޯރު ބާރޫ ފަދަ ސަރަހައްދުތަކުގައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ ކްލައުޑް ސީޑިން ހަދައިފައެވެ. އަދި ދެ ގައުމު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ކްލައުޑް ސީޑިން ހެދުމަށް މެލޭޝިއާގެ އިދާރާތައް އިންޑޮނީޝިއާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަ މިދިޔަ މަހު އިންޑޮނީޝިއާއިން ވަނީ ދީފައެވެ.

Desperate to clear toxic haze, Indonesia douses its skies with dry ice - BBC News

ޖަންގަލިތައް މޮނިޓާކުރާ މިނިވަން ޕްލެޓްފޯމެއް ކަމަށްވާ 'ނުސަންތާރާ އެޓްލަސް' އިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މިހާތަނަށް އިންޑޮނީޝިއާގައި އަލިފާން ރޯވެފައިވާ އެއް މިލިއަނަށް ވުރެ ގިނަ ހޮޓްސްޕޮޓް ވަނީ ރެކޯޑުކުރެވިފައެވެ. އަދި ގާތްގަނޑަކަށް 900،000 ހެކްޓަރުގެ ބިން ވަނީ އަނދައި އަޅިއަށް ވެފައެވެ. ބޮޑެތި ބިންތައް އަގުހެޔޮކޮށް ސާފުކުރުމަށް ގަސްގަހާގެހީގައި ރޯކުރާ ދަނޑުވެރިކަމުގެ ކުންފުނިތަކާ މެދު އާންމުންގެ ނުރުހުން އިންތިހާއަށް ބޮޑުވެފައިވާއިރު، މި އަލިފާންގަނޑުތަކާ ގުޅިގެން އިންޑޮނީޝިއާގެ ފުލުހުން ވަނީ 200 އަށް ވުރެ ގިނަ މީހުންނާއި ނުވަ ކުންފުންޏަކަށް ތުހުމަތުކުރެއެވެ.