ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗަށްފަހު އެރަށުގައި ބޭއްވި ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ރޭ ދިއްދޫ އިން ފުރައިފިއެވެ.

10 އޮކްޓޯބަރުގައި ދިއްދޫ ދަނޑުގައި ނިއު އާއި ދިއްދޫގެ ކުރިމަތިލުމަކީ އުތުރުގެ ރަށެއްގައި މިފެންވަރުގެ މެޗެއް ކުޅެވުނު ތާރީޚީ ކުރިމަތިލުމެކެވެ. އެ މެޗުގައި ދިއްދޫ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި 10 މިނިޓް ހަމަވަންދެން ވެސް 2-1 އިން ނިއުގެ މަށްޗަށް ކުރި ހޯދައި ލީޑް ދަމަހައްޓާފައެވެ. މެޗު އެއްވަރުވީ އިތުރު ވަގުތުގެ 10 މިނިޓް ވެސް ހަމަވެ، 11 ވަނަ މިނިޓްގައި ނިއުއަށް ޖެހުނު ލަނޑަކުންނެވެ.

Ad
rt

މި ފޯރިގަދަ މެޗަށް މަހު ދިއްދޫގައި އިއްޔެ ވަނީ ރުއް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ، މި ހަރަކާތުގައި ދިއްދޫ ސްޕޯޓްސް ކުލަބާއި، ދިއްދޫ ކައުންސިލާއި ޑަބްލިޔޫޑީސީ އަދި ދިއްދޫގެ މުއައްސަސާތަކާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ވެސް ވަނީ ބައިވެރިވެ ރުއް އިންދާފައެވެ.

ދިއްދޫގައި ރުއް އިންދުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންދަނީ، ފޮޓޯ: ކައުންސިލް

''އެފްއޭއެމް އެވޯޑްސް 2026'' ގައި ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރީޖަނަލް ދެވަނަ ކްލަބުގެ އެވޯޑް ދިއްދޫ އަކީ ފުރަތަމަ ފަހަރަށް ދިވެހި އެންމެ މަތީ ފުޓްބޯޅަ ލީގަކަށް ކޮލިފައި ވީ ބޮޑު ތިލަދުންމަތީގެ ރަށެވެ. ދިއްދޫ ވަނީ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025ގެ ހއ. އަތޮޅުގެ ޗެމްޕިއަން ހޯދާފައެވެ. އަދި ޒޯން 1 ގެ ރަނަރަޕް މަގާމު ހޯދުމަށްފަހު، އެ ޓީމު ވަނީ އެއްވެސް މެޗަކުން ބަލިނުވެ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ދިވެހި ޕްރިމިއާ ލީގުން ދިއްދޫ ޖާގަ ހޯދީ އަނެއް ތިން ރީޖަންގެ ޗެމްޕިއަނުން ބަލިކޮށް، ފުރިހަމަ ރެކޯޑަކާ އެކުގައެވެ.

ދިއްދޫގައި ބޭއްވި ރުއް އިންދުމުގެ ހަރަކާތުގައި ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) ބައިވެރިވަނީ، ފޮޓޯ: ކައުންސިލް

ދިވެހި ލީގުގައި އަމިއްލަ ފަސްގަނޑުގައި ދިއްދޫއިން ކުޅުނު ފުރަތަމަ މެޗުގައި ނިއުއާ ދެކޮޅަށް އެޓީމުގެ ފަރާތުން ފެނުނީ ތަފާތު ރޫހެއްގައި، މޮޅު ކުޅުމެއް ކުޅުނު ތަނެވެ. އަދި މުޅި ދިއްދޫގެ ސަޕޯޓަރުން ވަނީ ޓީމަށް ވަރުގަދަ ސަޕޯޓެއްކޮށްފައެވެ. މި މެޗުގައި ދިއްދޫ އަށް ސަޕޯޓް ކުރުމަށް ބައެއް ރަށްރަށުން ވެސް މީހުން ދިޔައިރު، ބޮޑު ތިލަދުންމަތީގެ ނިއުގެ ސަޕޯޓަރުން ވެސް ވަނީ ނިއު އަށް ސަޕޯޓް ކުރަން ގޮސްފައެވެ.

ދިއްދޫގެ ކުރިއަށް އޮތް ފަސް ވަނަ މެޗާއި ހަ ވަނަ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެ ރަށުގައެވެ. އެގޮތުން ފަސް ވަނަ މެޗުގައި އޮކްޓޯބަރު 16 ގައި ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، ހަ ވަނަ މެޗުގައި އޮކްޓޯބަރު 21 ގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއެވެ. އެއަށްފަހު ހަތްވަނަ މެޗުގައި ނޮވެމްބަރު 23 ގައި މާޒިޔާއާ ދެކޮޅަށް އަދި އަށްވަނަ މެޗުގައި ނޮވެމްބަރު 27 ގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނާނެއެވެ. ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި އަމިއްލަ ދަނޑުގައި ކުޅޭނީ ގައްދޫއާ ދެކޮޅަށެވެ.