އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައަށް ތިން އަހަރު ފުރުމާ ދިމާކޮށް، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ނެދަލޭންޑްސްގެ ވެރިރަށް އަމްސްޓަޑަމްގައި ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި މުޒާހަރާގައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސިޓީގެ މަޝްހޫރު ޑޭމް ސްކޮޔާއަށް އެއްވެފައެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްވުމުގެ ބައިވެރިން ތިބީ ފަލަސްތީނުގެ ދިދަތައް ހިފައިގެންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލައި ގޮވާލައިފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން އަމަލީ ފިޔަވަޅުތަކެއް އެޅުމަށާއި، އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ބާރުއަޅައި ގޮވާލައިފައެވެ.
ފަލަސްތީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 74،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 175،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ މުޅިން ސުންނާފަތިވެފައެވެ.
ޔޫއެން ވިމެން އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 2023 އިން ފެށިގެން މިހާތަނަށް ޣައްޒާގައި ގާތްގަނޑަކަށް 50،000 އަންހެނުންނާއި އަންހެން ކުދިން ވަނީ މަރާލައި ނުވަތަ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ޣައްޒާގެ ގަތުލުއާންމަށް ތިން އަހަރު ފުރުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލަމުންދާއިރު، އިނގިރޭސިވިލާތުގެ ލަންޑަންގައި ވެސް ގާތްގަނޑަކަށް ދެ ލައްކަ ފަންސާސް ހާސް މީހުން ބައިވެރިވި ބޮޑު ހިނގާލުމެއް ވަނީ ބާއްވާފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އޮކްޓޫބަރު 2025 ގައި ވާސިލުވި ނަމަވެސް، އިސްރާއީލުން ވަނީ އެއްބަސްވުމާ ހިލާފަށް ހަމަލާތައް ދިނުން ކުރިއަށް ގެންގޮސްފައެވެ. އަދި ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ބޯހިޔާވަހިކަމުގެ ސާމާނު އެތެރެކުރުމަށް އަޅާފައިވާ ހުރަސްތައް އިސްރާއީލުން ދަމަހައްޓަމުންދާތީ، އެ ސަރަހައްދުގެ ގާތްގަނޑަކަށް މުޅި އާބާދީ މިހާރު ވެސް ތަހައްމަލު ކުރަމުންދަނީ އިންތިހާއަށް ދަތި އިންސާނީ ކާރިސާއެކެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ދިން ހަމަލާތަކުގައި އެކަނިވެސް ފަލަސްތީނުގެ 1،470 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އެ ހަމަލާތަކުގައި 5،180 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!