ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީ.އޭ.އޭ.2' އިން 'ސީ.އޭ.އޭ.1' އަށް މަތިކޮށް، ރޭޓިންގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

Ad
rt

މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓާ ހަވާލާދީ އެ ވުޒާރާއިން ބުނީ، ރޭޓިންއަށް މި ކުރިއެރުން ގެނެސްފައި ވަނީ ކުރުމުއްދަތުގައި ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް އެ އޭޖެންސީއަށް ގަބޫލުކުރެވޭތީ ކަމަށެވެ. އެގޮތުން، 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، ރިޒާވް ބޭންކް އޮފް އިންޑިއާއަށް ދައްކަން އޮތް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ އަދާކުރުން މި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކައި ހަލާސްކުރުމާއި، އެޕްރީލް 2026 އަށް މެޗުއާވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުން ވެސް ހިމެނެ އެވެ. އަދި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ކުރާ މަސައްކަތްތަކާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ އިތުރުވުމުގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ގައުމުތަކުން ލިބޭ އެއްބާރުލުމާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް ވެސް މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މެދުދުރާސްތާގައި ދައްކަންހުރި ބޭރު ފައިސާގެ ދަރަނި ދަށްވުމާއި އެކި ގައުމުތަކާއި މާލީ އިދާރާތަކުގެ އެހީތެރިކަން ލިބުމަކީ ރިޒާވް ވަރުގަދަކުރުމަށް ލިބޭ ބާރެއް ކަމަށް މޫޑީސް އިން ވަނީ ބުނެފަ އެވެ. މިގޮތުން، މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދައިފަ އެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދައި، ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށެވެ.

ދަރަނި އަނބުރާ ދެއްކުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފަ އެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރަށް ވުރެ ވެސް ދަށް އަދަދެއް ކަމަށާއި، މިއީ ސަރުކާރުގެ ފިސްކަލް އަމާޒުތަކަށް ވާސިލުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވުނަސް، ރައްޔިތުންގެ އަސާސީ ކަންކަމަށް ދަތިނުވާނެހެން ބަޖެޓުގެ ތެރެއިން އިގުތިސާދީ ހަރަކާތްތައް ބާރުވެރިކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ. އަދި ސަރުކާރުގެ މެދު ރާސްތާގެ އެންމެ އިސް އަމާޒަކީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ހިފަހައްޓައި، ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ އިތުރުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމާއި ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.