މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. ވެލިދޫގައި އިމާރާތްކުރަމުންދާ އައު ހޮސްޕިޓަލް ހުޅުވައި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބެން ފަށާނެ ކަމަށް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ވެލިދޫ ސިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ ދަތުރު ދާނީ ކުރިއަށް ކަމަށާއި، މިހާރު ވެލިދޫގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢަކީ 30 އެނދުގެ ޖާގައިގެ ޒަމާނީ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި "އިރާދަކުރެއްވިއްޔާ މި ދައުރު ނިމުމުގެ ކުރިން އައު ހޮސްޕިޓަލް ހުޅުވި، މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބެން ފަށާނެ،" ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވެލިދޫ ސިއްޙީ މަރުކަޒަށް 25 އަހަރު ފުރުމަކީ ވަރަށް ޚާއްޞަ އަދި އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެ މަރުކަޒުން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަކީ އަގުވަޒަންކުރަންޖެހޭ މުހިންމު ޚިދުމަތްތަކެއް ކަމަށެވެ. އެގޮތުން، މި ސަރުކާރުން އެ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުގެ ޚިދުމަތާއި، ޑަޔަލިސިސްގެ އިތުރުން އެކްސްރޭގެ ޚިދުމަތް ކާމިޔާބުކަމާއެކު ތަޢާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ބިދޭސީންގެ ވޯކްޕާމިޓް މެޑިކަލް ހެދުމުގެ އިންތިޒާމާއި، ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށް ވެލިދޫގައި ސީ-އެމްބިއުލާންސް ސްޓޭޝަންކޮށް، މުވައްޒަފުންގެ އަދަދު އިތުރުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
މުޅި ނ. އަތޮޅުގެ ސިއްޙީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއާއި، ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް މުޅިން އަލަށް ޤާއިމުކުރެވިފައިވާ ކަމަށެވެ. ހަމައެއާއެކު، އެ ހޮސްޕިޓަލުގެ ޑައިލިސިސް އަދި ދަތުގެ ފަރުވާގެ ޚިދުމަތް ފުޅާކުރެވިފައިވާއިރު، ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް މިހާރު ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނ. ކެނދިކޮޅުދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ނިންމައި، އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަތޮޅުގައި ލެބޯޓްރީގެ ޚިދުމަތް ނެތް 8 ރަށުގެ ތެރެއިން 3 ރަށެއްގައި އެ ޚިދުމަތް މިހާރު ޤާއިމުކުރެވިފައިވާއިރު، ބާކީ 5 ރަށުގައި ލެބޯޓްރީ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މި ބަދަލުތަކަކީ މުޅި ސަރަޙައްދުގެ ރައްޔިތުންނަށް ލިބުނު ބޮޑު ތަސައްލީއެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި މުވައްޒަފުންނާއި އެކި ގޮތްގޮތުން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވައިގެން އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް މިނިސްޓަރު ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ އެކުއެކީގައި، އަމިއްލަ ސިއްޙަތަށް ސަމާލުކަން ދިނުމާއި، ދުޅަހެޔޮ ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި ސާފުތާހިރުކަމަށް އިސްކަންދިނުމަކީ އާންމު ސިއްޙަތު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!