ވިލިމާލޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ވިލިމާލޭގައި ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ދަނީ ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އޮޕަރޭޝަން މިހާރުވެސް ވިލިމާލޭގައި ހިނގަމުންދާއިރު، އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ ކަންކަން ފުލުހުން އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް، މި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!