ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން 18 އަތޮޅެއްގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި އިދާރާތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

މި މަރުކަޒުތައް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

Ad
rt

އަލަށް އުފެއްދެވި މި މަރުކަޒުތަކުގެ ބަލަދުވެރިފަރާތަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީއެވެ. އެހެންކަމުން މި މަރުކަޒުތައް ހިންގާނީ އެ މިނިސްޓްރީގެ ދަށުންނެވެ.

ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމަށް ނިންމެވިކަން އިޢުލާންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ދެންނެވުން ނަންބަރު 2026/16 ނެރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެ މަތިން، އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އިދާރީ ދާއިރާތަކުން ލިބޭނޭ މަގު ތަނަވަސްކޮށްދިނުމެވެ.

މި ނިންމެވުމުގެ ދަށުން މަރުކަޒުތައް އުފައްދަވާފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ޅ. އަތޮޅު، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގައެވެ. މިއިން ކޮންމެ އަތޮޅެއްގައިވެސް މަރުކަޒު ހަމަޖައްސަވާފައިވަނީ އެ އަތޮޅެއްގެ ނަމާ ގުޅުވައިގެންނެވެ.

މީގެއިތުރުން، މި މަރުކަޒުތައް އުފެއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައް ވަނީ ބަޔާންކުރައްވާފައެވެ. އަދި ދައުލަތުގެ އޮފީސްތަކުން އެ މަރުކަޒުތަކަށް ފޮނުވާ ސިޓީތަކުގައި ޖަހަންޖެހޭ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވާފައިވާ ގޮތުގެ ތަފުސީލުވެސް ވަނީ އެ ދެންނެވުމާއެކު ހިމަނުއްވާފައެވެ.