އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ.

އަސާސީ ގަވާއިދަށް މި ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލެވެ.

Ad
rt

މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެ އިސްލާހުތަކާ މެދު ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި، ފައްޔާޟު ހުށަހެޅުއްވި އިސްލާހުތައް ފާސްކުރަން 546 މަންދޫބުން ވަނީ ވޯޓު ދެއްވައިފައެވެ. އެ އިސްލާހުތަކާ ދެކޮޅަށް 19 މަންދޫބަކު ވޯޓު ދެއްވި އިރު، އެ ވަގުތު ކޮންގްރެސްގައި ޖުމުލަ 564 މަންދޫބުން ހާޒިރުވެ ތިއްބެވިއެވެ.

ކޮންގްރެސް އިން ފާސްކުރި އާ އަސާސީ ގަވާއިދުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ، ޕާޓީގެ ޗެއާޕާސަނަށް ދައުލަތުން މުސާރަ ލިބޭ އެހެން އެއްވެސް މަގާމެއް ފުރުން މަނާކުރުމެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ވެސް ހިމެނެއެވެ. މީގެއިތުރުން، އެމްޑީޕީގެ ވެރިކަމެއް އޮންނަ އިރު ރާއްޖޭގެ ރައީސަކީ ޕާޓީގެ އެންމެ އިސް ލީޑަރު ކަމަށް މީގެ ކުރިން އޮންނަ މާއްދާ އުނިކޮށް، ޕާޓީގެ ލީޑާޝިޕްގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަން ކަމުގައި ވަނީ ހަމަޖައްސައިފައެވެ.

ލީޑާޝިޕަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި މިހާރު ތިއްބަވާ މާލީ ނައިބާއި އިދާރީ ނައިބުގެ އިތުރުން ސިޔާސީ ނައިބެއް ހަމަޖެއްސުން ހިމެނެއެވެ. އަދި އެ ނައިބުންގެ ތެރެއިން އެކަކީ އަންހެނަކަށް ވާންޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، އެމްޑީޕީގެ ސަރުކާރެއް އޮންނަ ހާލަތުގައި ސަރުކާރު އެކުލަވާލުމުގަ އާއި މުހިންމު ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމުގައި ގައުމީ މަޖިލީހުގެ ލަފަޔާއި މަޝްވަރާ ހޯދަން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭ ގޮތަށާއި، ރައީސްގެ އިސް މުޝީރަކަށް ޗެއާޕާސަން އައްޔަންކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި އިސްލާހެއް ވެސް ބޮޑު އަގުލަބިއްޔަތަކުން ވަނީ ފާސްކޮށްފައެވެ. އެއީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ލެވޭނީ، ވޯޓުލާ ދުވަހުގެ ތިން މަސް ދުވަސް ކުރިން ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ކަމަށާއި، އިންތިހާބު ބާއްވާ ދުވަހުގެ ހަތަރު މަސް ދުވަސް ކުރިން އިންތިހާބަށް އިއުލާންކުރަން ޖެހޭ ގޮތަށް ހުށަހެޅުއްވި އިސްލާހެވެ. މި އިސްލާހު ފާސްވީ 508 މަންދޫބުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ނުވަ މަންދޫބުންނެވެ.

މީގެ އިތުރުން، އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހުމާން ވެސް އަސާސީ ގަވާއިދަށް ހަ އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގެ ތެރެއިން ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންގެ ނަންތައް ދިހަ ދުވަސް ކުރިން އިއުލާންކުރުމަށާއި، އިންތިހާބަކާ ނުލައި ގައުމީ މަޖިލީހަށް އައްޔަންކުރާ މެންބަރުންނަށް އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވޯޓު ނުލެވޭ ގޮތް ހެދުމުގެ އިތުރުން، ގައުމީ މަޖިލީހުގައި ކޮންމެ ރަށަކުން އެއް މެންބަރަކު ހިމެނުމަށް އޭނާ ހުށަހެޅުއްވި އިސްލާހުތައް ވަނީ ފާސްވެފައެވެ.